ސިޔާސީ ޕާޓީތަކުން ބާއްވާ އެކިއެކި ޖަލްސާތަކާއި ހަރަކާތްތަކުގައި ސާބިތު ނުހިފޭ ދޮގު ވާހަކަތައް ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ގޮވާލައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކާއި އެއްވުންތަކުގައި ގާނޫނާ ހިލާފަށް، އެއްވެސް އަސްލެއް އަދި ހެއްކެއް ނެތް ވާހަކަތައް ދައްކަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.

އީސީން ހާމަކުރި ގޮތުގައި، ސާބިތު ނުހިފޭ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ޕާޓީއެއްގެ މެންބަރަކަށް އަމާޒުކޮށް ފާޑުކިޔުމަކީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފު އަމަލެކެވެ.

https://x.com/ElectionsMv/status/2097983577157960038

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް ވީނަމަވެސް، ސިޔާސީ ހަރަކާތްތައް ހިންގުމުގައްޔާއި ހިޔާލުފާޅުކުރުމުގައި ޒިންމާދާރުވުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން، ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ޕާޓީތަކުން ކޮށްގެން ނުވާނެ ކަމަށް އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ވެސް އީސީން ވަނީ ނަސޭހަތްތެރިވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، މިދިޔަ ހަފްތާގައި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ފުލުހަށް ހާޒިރު ކުރަން އުޅެފައިވަނިކޮށެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު 12 ގައި ހިނގި އަލިފާނުގެ ހާދިސާއަކީ ގަސްތުގައި ބަޔަކު ކުރި ކަމެއް ކަމަށާއި، އެކަން ކުރި މީހާ ފުލުހުންނަށް އެނގޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމުގެ ހެކި ފުލުހުންގެ އަތުގައި ހުންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.