އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކެއްގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަކަށް ގެއްލުންވެފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އުރުދުންގެ މުވައްފަގު ސަލްތީ އެއާ ބޭސްއަށް މި ހަފުތާގައި އީރާނުން ދިން ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ ބައެއް މަތިންދާބޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދީފައިވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ބަޖެޓެއް ހޭދަކުރާ އެމެރިކާގެ އަސްކަރިއްޔާއަށް، އަންގާރަ ދުވަހު އީރާނުން ދިން ހަމަލާތަކުގެ ކުރިންވެސް މާއްދީ ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. މީގެ ތެރޭގައި 24 އަށްވުރެ ގިނަ ޑްރޯން ހަލާކުވުމާއި، އީރާނުގެ ހަމަލާތަކުގައި ފައިޓާ ޖެޓްތަކަށް ގެއްލުންވުމުގެ އިތުރުން އެކި ހާދިސާތަކުގައި މަތިންދާބޯޓުތައް ނެތިދިއުން ހިމެނެ އެވެ.

ކޮންގްރެޝަނަލް ރިސާޗް ސާވިސްގެ މެއި މަހުގެ ރިޕޯޓަކަށް ބަލާއިރު، މި ހަމަޖެހުންތަކުގެ ތެރޭގައި އެމެރިކާގެ އަސްކަރީ 42 މަތިންދާބޯޓެއް ވަނީ ގެއްލި ނުވަތަ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް ފެށުނު ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ އަސްކަރިއްޔާގެ 18 މީހަކު މަރުވެ، 800 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.

ނަން ހާމަނުކުރުމަށް އެދި ވާހަކަދެއްކި އެމެރިކާގެ އޮފިޝަލަކު ހާމަކުރި ގޮތުގައި، އީރާނުގެ މި ހަމަލާގައި "ވޯޓްހޮގް" ގެ ނަމުން މަޝްހޫރުވެފައިވާ A-10 ތަންޑާބޯލްޓް II މަރުކާގެ ބޯޓެއްގެ ފިޔަގަނޑެއް ވަނީ މުޅިން ވަކިވެފަ އެވެ. މީގެ އިތުރުން F-15 މަރުކާގެ އަށް ބޯޓަކަށް ކުދިކުދި ގެއްލުންތައް ލިބުނު ނަމަވެސް، މަރާމާތަށްފަހު އެ ބޯޓުތައް މިހާރު ވަނީ އަލުން އޮޕަރޭޝަންތަކަށް ނެރެފަ އެވެ.

އުރުދުންގައި ހުންނަ އެމެރިކާގެ މަރުކަޒަށް އީރާނުން ހަމަލާދީފައި މިވަނީ، އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލާ ފަސް ބޯޓެއް އެމެރިކާ ސިފައިން ހަލާކުކޮށްލާފައިވާ ކަމަށް ބުނި ފަހުންނެވެ. އެމެރިކާއިން ބުނާ ގޮތުގައި އެ ގައުމުގެ ހަމަލާތަކަކީ، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން އެމެރިކާގެ މަނަވަރަކަށް ބެލިސްޓިކް މިސައިލުން ދިން ހަމަލާތަކުގެ ބަދަލުހިފުމެކެވެ.

އީރާނުގެ މިސައިލްތައް ހުއްޓުވުމަށް އެމެރިކާ ސިފައިންނަށް ގާތްގަނޑަކަށް 30 ޕެޓްރިއޮޓް އިންޓަސެޕްޓަރު މިސައިލް ބޭނުންކުރަން ޖެހުނު ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މިއާއެކު އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުގެ މިސައިލްތައް މަދުވަމުންދާތީ އެ ގައުމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

އަސްކަރީ މިސައިލްތަކުގެ ސީދާ އަދަދުތަކަކީ ސިއްރު މައުލޫމާތެއް ނަމަވެސް، ސެންޓަ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްއިން އަންދާޒާކުރާ ގޮތުގައި ފެބްރުއަރީ އާއި ޖުލައި މަހާ ދެމެދު އެމެރިކާގެ ޕެޓްރިއޮޓް މިސައިލްތަކުގެ 65 އިންސައްތަ ވަނީ ބޭނުންކޮށްފަ އެވެ. ހަނގުރާމަ ފެށުނުއިރު ހުރި 2,330 މިސައިލްގެ ތެރެއިން މިހާރު ބާކީ ހުރީ 850 އަށްވުރެ މަދު އަދަދެއްގެ މިސައިލް ކަމަށް ވެސް އެ އިދާރާއިން ލަފާކުރެ އެވެ.