ބަތަލާ ވިދްޔާ ބާލަން ފެނިގެންދާ ފިލްމު "ޝޭރްނީ" ޑިޖިޓަލް ސްޓްރީމިން ސާވިސްއެއް ކަމަށްވާ އެމޭޒަން ޕްރައިމްގައި އަންނަ މަހު ރިލީޒް ކުރެވޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެފި އެވެ.

އަމިތު މަސްކުރަރް ޑައިރެކްޓްކުރާ މި ފިލްމުގައި ވިދްޔާ ފެނިގެންދާނީ ވަލު ޖަނަވާރުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ފޮރެސްޓް އޮފިސަރެއްގެ ގޮތުގަ އެވެ.

އެމޭޒަން އޮރިޖިނަލްއެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމް ޕްރޮޑިއުސްކޮށްފައި ވަނީ ޓީ ސީރީޒް އާއި އަބަންޑަންޓިއާ އެންޓަޓެއިންމަންޓް ގުޅިގެންނެވެ.

މިއީ މި ތިން ފަރާތް ގުޅިގެން ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ދެވަނަ ފިލްމެވެ. މީގެ ކުރިންވެސް އެމޭޒަން، ޓީ ސީރީޒް އަދި އަބަންޑަންޓިއާ އެންޓަޓެއިންމަންޓް ގުޅިގެން ވަނީ ޝަކުންތަލާ ދޭވީގެ ނަމުގައި ވިދްޔާ ބާލަން އާއެކު ފިލްމެއް ނެރެފަ އެވެ.

އަބަންޑަންޓިއާ އެންޓަޓެއިންމަންޓްގެ ސީއީއޯ ވިކްރަމް މަލޯތްރާ ބުނީ މި ފިލްމަކީ ހާއްސަ ފިލްމެއް ކަމަށާއި ފިލްމުގައި ވިދްޔާ ވެސް ފެނިގެންދާނީ މުޅިން ތަފާތުކޮށް ކަމަށެވެ.

ފިލްމު "ޝޭރްނީ" އިން ފެނިގެންދާ އެހެން ތަރިންގެ ތެރޭގައި ޝަރަދް ސަކްސޭނާ އާއި މުކުލް ޗައްދާ އާއި ވިޖޭ ރާޒްގެ އިތުރުން އީލާ އަރުން ހިމެނެ އެވެ.