ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ދުންފަތުން ބޭރުވާ ދުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ތެރެއިން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން މެދުވެރިވާކަން ގިނަ މީހުންނަށް ރަނގަޅަށް ނޭނގޭ ކަމަށް ފަހުގެ ސިއްހީ ދިރާސާތަކުން ދައްކައިފި އެވެ.

ދުންފަތުގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ޖެހޭކަން ގިނަ ބަޔަކަށް އެނގުނު ނަމަވެސް ހާޓް އެޓޭކްއާއި ސްޓްރޯކް ޖެހުމާ ހުރި ގުޅުމާމެދު އާންމުންގެ ހޭލުންތެރިކަން އަދިވެސް ކުޑަ އެވެ.

ސިއްހީ މާހިރުން ފާހަގަކުރާގޮތުގައި، ދުންފަތުގެ ދުމުގައި ހުންނަ ވިހަ މާއްދާތަކުގެ ސަބަބުން ލޭނާރުތަކަށް ގެއްލުން ލިބި، ލޭ މައްޗަށް ދިއުމާއި ލޭ ގަނޑުވުމުގެ ފުރުސަތު ބޮޑުވެ އެވެ.

މީގެ އިތުރުން، އަމިއްލައަށް ދުންފަތުގެ އިސްތިއުމާލު ނުކުރި ނަމަވެސް، އެހެން މީހުން ދުންފަތުގެ އިސްތިއުމާލު ކުރާއިރު ބޭރުވާ ދުން ނޭވާލާ ނިޒާމުގެ ތެރެއަށް ދިއުމަކީ (ސެކަންޑްހޭންޑް ސްމޯކް) ވެސް ހިތުގެ ބަލިތަކާއި ސްޓްރޯކަށް މަގުފަހިވާ ކަމެކެވެ.

މިފަދަ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ދުންފަތުގެ ނުރައްކާތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރަންޖެހޭ ކަމަށް ސިއްހީ މާހިރުން ބާރުއަޅަ އެވެ.