މީގެ 25,000 އަހަރު ކުރިން ވެސް އިންސާނުން ދުފައިގެން މަސްތުވެ އުޅުނު ކަމަށް ސައިންސްވެރިންގެ އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.

ސައިންސްވެރިން ކުރި ފަހުގެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، މީގެ 25,000 އަހަރު ކުރިން ވެސް އިންސާނުން ވަނީ ސައިކޯއެކްޓިވް ނުވަތަ ސިކުނޑިއަށް އަސަރު ކުރުވާ ޒާތުގެ ފޯއް ބޭނުން ކޮށްފަ އެވެ.

މިއީ މިފަދަ މަސްތުވާ ނުވަތަ ސިކުނޑިއަށް އަސަރުކުރާ ޒާތުގެ ތަކެތި އިންސާނުން ބޭނުންކުރި ކަމުގެ އެންމެ ކުރީ ޒަމާނުގެ ހެކި ކަމަށް ސައިންސްވެރިން ބުނެ އެވެ.

އިންޑޮނޭޝިއާގެ ސުލަވެސީ ރަށުން ފެނުނު ޕްރީހިސްޓޮރިކް ޒަމާނުގެ އިންސާނުންގެ ކަށިތަކާއި ދަތްތައް ދިރާސާ ކުރުމުން އެނގުނު ގޮތުގައި، އެ މީހުން ވަނީ ޒަމާނުއްސުރެ ގަވާއިދުން ފޯއް އަދި ބިލެތް އަނގަޔަށް ލައިގެން މަޑުމަޑުން މަޑު ކޮށްގެން ބޭނުން ކޮށްފަ އެވެ.

https://www.instagram.com/p/DdUvA9jj9E5/?stkn=MWVoNGc2cXo3MHIyZQ%3D%3D

ދިރާސާކުރި ދަތްތަކުގައި ހުރި ހާއްސަ ސިފަތަކާއި ނިޝާންތަކުން ދައްކަނީ އެ މީހުން ހަރު ދުފާ ތަކެތި އަނގަޔަށް ލައިގެން ގިނަ އިރުތަކެއް ވަންދެން ގެންގުޅުނު ކަމެވެ.

އެއާއެކު ދަތްތަކުގެ ޓިޝޫތައް ޓެސްޓު ކުރުމުން، އެތަކެތީގައި ހުންނަ ސައިކޯއެކްޓިވް މާއްދާ ކަމަށްވާ "އެރެކޮލިން"ގެ ނިޝާންތައް ވަނީ ފެނިފަ އެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި އޭރުގެ މީހުން ދުފަން ފެށީ ދަތުގެ ވޭނަށް ލުއެއް ހޯދުމުގެ ގޮތުން ކަމަށް ވެދާނެ އެވެ.

ނަމަވެސް ގިނަ ދުވަސްވުމުން އެއަށް ހޭނި، އެއީ އާދަކޮށް ކުރަމުން އައި ކަމަކަށް ވަނީ ވެފައެ ވެ. މި ހޯދުމުގެ ސަބަބުން ދަނޑުވެރިކަން ފެށުމުގެ މާކުރިން، އައިސް އޭޖް ޒަމާނުއްސުރެވެސް އިންސާނުން މިފަދަ ތަކެތި ބޭނުން ކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ.