ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ފަސޭހައިން އަދި ރައްކާތެރިކަމާއެކު ގައުމަށް ފައިސާ ފޮނުވޭނެ ރަސްމީ ނިޒާމެއް ގާއިމުކުރުމަށްޓަކައި، ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޑރ. އެމްޑީ ނަޒްމުލް އިސްލާމް ރާއްޖޭގައި ހިންގާ ބޭރުގެ ތިން ބޭންކެއްގެ އިސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ، ބޭންކް އޮފް ސިލޯން އަދި ހަބީބް ބޭންކުގެ އިސްވެރިންނާއެކުގަ އެވެ.

މި ބައްދަލުވުންތައް ބޭއްވީ ބަންގްލަދޭޝް ހައިކޮމިޝަނުގަ އެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރާއްޖޭގައި މިހާރު އޮތް ބޭރު ފައިސާގެ ތާށިކަމާއި، ފައިސާ ފޮނުވުމުގެ ނިޒާމުތަކުގެ އިތުރުން އެހެން ގައުމުތަކުގެ މަސައްކަތްތެރިންނަށް ފައިސާ ފޮނުވުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށެވެ.

ރާއްޖޭގައި ގާތްގަނޑަކަށް ލައްކައަކަށް ވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން އުޅެ އެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ މީހުންވެސް ހިމެނެ އެވެ.

އެސްބީއައިގެ މެނޭޖްމަންޓުން ހައިކޮމިޝަނަރާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އިންޑިއާ މީހުންނަށް ކުރިން 700 ޑޮލަރާ ހަމައަށް ފައިސާ ފޮނުވުނު ނަމަވެސް، ޑޮލަރުގެ ދަތިކަމާ ހުރެ އެ އަދަދު މިހާރު ވަނީ ސަތޭކަ ފަންސާސް ޑޮލަރަށް ދަށްކޮށްފަ އެވެ.

ހަބީބް ބޭންކުން ފާހަގަކުރި ގޮތުގައި ޕާކިސްތާނު މީހުންނަށް ކުރިން 1000 ޑޮލަރު ފޮނުވުނު ނަމަވެސް، މިހާރު އެ އަދަދު ވަނީ 300 ޑޮލަރަށް ދަށްކޮށްފަ އެވެ.

ބޭންކް އޮފް ސިލޯނުން ބުނި ގޮތުގައި، ޑޮލަރުގެ ތާށިކަމާ ހުރެ ދިވެހި ރުފިޔާއިން ލަންކާ ރުޕީސްއަށް ފައިސާ ފޮނުވުމަށްޓަކައި އާ އެކައުންޓުތައް ހުޅުވުމުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

އެހެން ގައުމުތަކުގެ މަސައްކަތްތެރިންނާ ހިލާފަށް ބަންގްލަދޭޝް މީހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ މީހުން އަދާކުރާ ވަޒީފާތަކުގެ ބާވަތެވެ. އިންޑިއާ، ލަންކާ އަދި ޕާކިސްތާނުގެ ގިނަ މީހުންނަކީ ޕްރޮފެޝަނަލް ވަޒީފާތަކުގައި އުޅޭ، އަދި ޑޮލަރުން މުސާރަ ލިބޭ މީހުންނެވެ.

ބަންގްލަދޭޝްގެ ގިނަ މީހުންނަކީ އާދައިގެ ވަޒީފާތަކުގައި އުޅޭ، އަދި ދިވެހި ރުފިޔާއިން މުސާރަ ލިބޭ މީހުންނެވެ. އެހެންކަމުން، ރުފިޔާ ޑޮލަރަށް މާރުކޮށްގެން ގައުމަށް ފައިސާ ފޮނުވުމަށް އޮންނަ ޑިމާންޑު އެ މީހުންގެ މެދުގައި ބޮޑެވެ.

މި ހާލަތަށް ރިއާޔަތްކުރައްވައި، ހައިކޮމިޝަނަރު ވަނީ ބޭންކިން ނިޒާމުގެ ތެރެއިން 50 ޑޮލަރާއި 100 ޑޮލަރާ ދެމެދުގެ ކުދި އަދަދުތައް ރަސްމީކޮށް ފޮނުވޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯ ބެލުމަށް އެދިވަޑައިގެންފަ އެވެ.

ރުފިޔާއިން މުސާރަ ލިބޭ އާދައިގެ މަސައްކަތްތެރިއަކަށް ކުޑަ އަދަދެއް ނަމަވެސް ގައުމަށް ފޮނުވުމަކީ އެ މީހުންގެ އާއިލާތަކަށް ވަރަށް މުހިންމު ކަމެއްކަން ހައިކޮމިޝަނަރު ފާހަގަކުރެއްވި އެވެ.

ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގައި ބުރަކޮށް މަސައްކަތްކޮށް، އެ މީހުންގެ އާމްދަނީ އާއިލާތަކަށް ފޮނުވާ ކަމަށް ހައިކޮމިޝަނަރު ވިދާޅުވި އެވެ.

އެ މީހުންނަށް ދިމާވާ ދަތިތައް ދެނެގަތުމާއެކު ފައިސާ ފޮނުވޭނެ ރައްކާތެރި އަދި ގާނޫނީ ގޮތުން ހުއްދަ މަގުތައް ހޯދައިދިނުމަކީ ހައިކޮމިޝަނުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭންކުތަކާ ގުޅިގެން މިހާރު އޮތް ގަވާއިދުތަކުގެ ތެރެއިން އަމަލީ ގޮތުން ކުރެވެން ހުރި ކަންކަން ދެނެގަތުމަކީ އެންމެ އިސް އަމާޒު ކަމަށް އޭނާ ވިދާޅުވި އެވެ.