ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ ބޭރު ފައިސާއާއެކު ބަންގްލަދޭޝްގެ ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މީހުން ހިފަހައްޓާފައިވަނީ މިކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން 18 ސެޕްޓެމްބަރު 2026 ގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. އެ މީހުން ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސް ތިއްބަ އެވެ.

މި މީހުންގެ އަތުން ފެނުނު ފައިސާގެ ތެރޭގައި 174,161 ޔޫއެސް ޑޮލަރާއި، 56,760 ޔޫރޯގެ އިތުރުން 1,815 ސްޓާލިން ޕައުންޑް ހިމެނެ އެވެ. އަދި މީގެ އިތުރުންވެސް އެކި ގައުމުތަކުގެ ފައިސާއާއެކު ޖުމުލަ 18 ގައުމެއްގެ ފައިސާ އެ މީހުންގެ އަތުން ވަނީ ފެނިފަ އެވެ. މި ހުރިހާ ފައިސާއެއްގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29 (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރި) އަށް އަރާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ތަހުގީގުގެ ބޭނުމަށް އެ ފައިސާތައް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އަތުލައިގަތް ބަންގްލަދޭޝްގެ ހަ މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ ބުނެފައިވެ އެވެ.