ދުވަސްވީ ސާމްޕަލްތަކާ އެކު މިއަދު ވެސް 1،465 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 1،213 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 244 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން އަށް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ ކޭސްތަކުގެ ތެރެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވީ 517 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 47،421 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 18،221 ގައި މިހާރު ހުރިއިރު 29،086 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 268 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 105 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.