އީރާނާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި އެމެރިކާގެ 81 މަތިންދާބޯޓު ގެއްލިފައިވާ ކަމަށް ކޮންގްރެޝަނަލް ރިޕޯޓަކުން ހާމަ ވެއްޖެ އެވެ.

ކޮންގްރެޝަނަލް ރިސާޗް ސާވިސް (ސީއާރުއެސް) އިން އެންމެ ފަހުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އީރާނާ ދެކޮޅަށް ހިންގި އަސްކަރީ ހަރަކާތްތަކުގައި އެމެރިކާގެ މަދުވެގެން 81 އުޅަނދެއް ވަނީ ގެއްލި ނުވަތަ ހަލާކުވެފަ އެވެ.

އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު އަޕްޑޭޓްކޮށްފައިވާ މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މީގެ ތެރޭގައި ހިމެނެނީ ފިކްސްޑް-ވިންގް މަތިންދާބޯޓުތަކާއި، ހެލިކޮޕްޓަރުގެ އިތުރުން ޑްރޯން ނުވަތަ އިންސާނަކާ ނުލައި ދުއްވާ އުޅަނދުތަކެވެ. މީގެ ތެރެއިން ބައެއް އުޅަނދުތަކަކީ މަރާމާތަށްފަހު އަލުން ހިދުމަތަށް ނެރެފައިވާ އުޅަނދުތަކަށް ވީނަމަވެސް، ހަނގުރާމައިގެ ހާލަތާއި މައުލޫމާތު ސިއްރުކޮށްފައި ހުރުމުގެ ސަބަބުން މި އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެމްކިއު-9 ރީޕާ ޑްރޯންތަކަށެވެ. އެގޮތުން މަދުވެގެން 45 ޑްރޯން ގެއްލިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. މީގެ އިތުރުން، 12 އެފް-15އީ ސްޓްރައިކް އީގަލް މަތިންދާބޯޓަކަށް ގެއްލުން ލިބިފައިވާއިރު، މީގެ ތެރޭގައި މާޗް މަހު ކުވެއިތު މަތިން އަމިއްލަ ފައުޖުތަކުގެ ހަމަލާއެއްގައި ހަލާކުވި ތިން ބޯޓަކާއި، އޭޕްރީލް މަހު އީރާނު މަތިން ވައްޓާލި ބޯޓެއް ހިމެނެ އެވެ.

ސެޕްޓެމްބަރު މަހު އުރުދުންގެ މުވައްފަޤު ސަލްތީ އެއާ ބޭސްއަށް އީރާނުން ދިން ހަމަލާއެއްގައި އަށް އެފް-15 ބޯޓަކަށް ކުދިކުދި ގެއްލުންތައް ލިބުނު ނަމަވެސް، އެ ބޯޓުތައް މިހާރު ވަނީ އަލުން ހިދުމަތަށް ނެރެފަ އެވެ. މީގެ އިތުރުން ލިބުނު ގެއްލުންތަކުގެ ތެރޭގައި އެފް-35އޭ ލައިޓްނިންގް 2 ގެ ބޯޓަކާއި، ދެ އޭ-10 ތަންޑަބޯލްޓް 2 އާއި، ތެޔޮ އެޅުމަށް ބޭނުންކުރާ ހަތް ކޭ.ސީ-135 ބޯޓުގެ އިތުރުން އީ-3 ސެންޓްރީ މަރުކާގެ ބޯޓެއް ހިމެނެ އެވެ.

އަދި ހާއްސަ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ދެ އެމްސީ-130ޖޭ ބޯޓާއި، ސާޗް އެންޑް ރެސްކިއު ހެލިކޮޕްޓަރަކާއި، އެމްކިއު-4ސީ ޓްރައިޓަން ޑްރޯނެއްގެ އިތުރުން ތިން އެމްކިއު-1 ޑްރޯން ވެސް ހިމެނެ އެވެ.

ހެލިކޮޕްޓަރުތަކަށް ބަލާއިރު، ހޮރްމުޒް ކަނޑުއޮޅި މަތިން ވައްޓާލި އޭއެޗް-64 އެޕާޗޭ އަކާއި، މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގައި ހަލާކުވި ހަތަރު އޭއެޗް-6 ލިޓްލް ބާޑްސް އަދި އަރަބި ކަނޑަށް ވެއްޓުނު އެމްއެޗް-60 ސީ ހޯކް ހެލިކޮޕްޓަރެއް ހިމެނެ އެވެ.

ސީއާރުއެސް އިން ފާހަގަކުރި ގޮތުގައި މި ގެއްލުންތަކުގެ ސަބަބުން އެމެރިކާގެ ކޮންގްރެސްއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. އޭގެ ތެރޭގައި ހަލާކުވި އުޅަނދުތައް ބަދަލުކުރުމަށް ބޭނުންވާ ބަޖެޓާއި މައުލޫމާތު ޕެންޓަގަންގައި ހުރިތޯ ބެލުމާއި، އީ-3 ފަދަ މުސްކުޅިވަމުންދާ މުހިންމު އުޅަނދުތައް މަދުވުމުގެ ސަބަބުން އަސްކަރީ ގާބިލުކަމަށް އަތުވެދާނެ އުނިކަން ހިމެނެ އެވެ.

މީގެ އިތުރުން، އެމެރިކާގެ ދިފާއީ ސިނާއަތަށް ބާރުބޮޑުވެ، އުފެއްދުންތެރިކަމުގެ ދުވެއްޔާއި، މުދާ ފޯރުކޮށްދިނުމުގެ ނިޒާމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް ރިޕޯޓުގައި ދީފައިވެ އެވެ. މީގެ ސަބަބުން ބޭރު ގައުމުތަކަށް ހަތިޔާރު ވިއްކުމުގެ މަޝްރޫއުތަކަށް ބުރޫއަރައި، ގެއްލުނު އުޅަނދުތައް އަލުން ހޯދުމަށް ގިނަ ދުވަސްތަކެއް ނަގާފާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.