މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް މި ސަރުކާރުގައި ވަކިކުރި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރުގެ މައްސަލަ ފައިލްކުރުމުން، އެ ތުހުމަތުތައް ކުރީ ބަޔަކު ވަކި ބޭނުމަކަށް، ނުހައްގުން މަގާމު ގެއްލުވާލަންކަން ސާބިތުވެފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

މަހާޒާއި އަޒްމިރަލްދާގެ މައްސަލަ ފައިލްކުރީ ތުހުމަތުކޮށް ހުށަހެޅު މައްސަލައިގެ ތަހުގީގަށް ހޯދާފައިވާ ހެއްކާއި ގަރީނާ ދިރާސާކުރިއިރު، އެއްވެސް ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ބެލެވެން ނެތުމުންނެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް އެ މައްސަލާގައި ދައުވާ ނުކުރުމަށް ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން ވަނީ އަންގައިފަ އެވެ.

އެ މައްސަލަ ނިންމާލުމާ ގުޅޭ ގޮތުން މަހާޒު ވިދާޅުވީ، އޭނާގެ މައްޗަށް ކުރި ތުހުމަތުތަކަކީ ވަކި ބޭނުމަކަށް، ނުހައްގުން މަގާމު ގެއްލުވާލަން ބަޔަކު ކުރި ކަމެއްކަން މިއަދު ސާބިތުވެފައިވާ ކަމަށެވެ. އަދި މައްސަލަ ބެލި އިދާރާތަކުގެ އިޚުލާސްތެރިކަމެއް ހުރި ނަމަ، ސަސްޕެންޑު ނުކޮށް ވެސް ޖިނާއީ މައްސަލަ ބެލެން އޮތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މަހާޒު ވިދާޅުވި ގޮތުގައި، އެ މުއްދަތުގައި ވަކިކުރުމުގެ ކުރިން ވެސް މައްސަލަ ފައިލްކުރެވެން އޮތެވެ. ނަމަވެސް، އެކަން އެ ގޮތަށް ނުކުރީ ވަކި މަގުސަދެއްގައި ވަކި ކަންތައްތަކެއް ކުރުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

މަހާޒުގެ އިތުރުން، އެ މައްސަލާގައި އޭނާއާ އެކު ސަސްޕެންޑުކުރި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލަ ވެސް ވަނީ ފައިލްކޮށްފަ އެވެ.

މަހާޒާއި އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގައި އޭރު ހުންނެވި އިތުރު ފަނޑިޔާރެއް ކަމަށްވާ ހުސްނުއްސުއޫދު ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ތިން ބޭފުޅުން ސަސްޕެންޑުކުރީ، ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެއް ބަލަމުންދިޔަ ދަނޑިވަޅެއްގަ އެވެ.