މަސްތުވާތަކެތި ބޭނުންކޮށްގެން އިނދެ އުޅަނދު ދުއްވުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި، ދިވެހި ދަރިވަރަކު މަރުވި މައްސަލައިގައި މެލޭޝިޔާގެ ޑްރައިވަރުގެ މައްޗަށް އެގައުމުގެ މެޖިސްޓްރޭޓް ކޯޓުގައި މިއަދު ދައުވާ އުފުލައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ހިނގި މި ހާދިސާގައި، އުމުރުން 37 އަހަރުގެ މުހައްމަދު ޝަފީގް އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވެނީ މަސްތުގެ ހާލަތުގައި ހުރެ ކާރު ދުއްވުމުގެ ތެރޭގައި، ކާރު ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓެއްގައި އަމިއްލަ ޔުނިވާސިޓީއެއްގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރު އާމިނަތު އިމީލީ ނާޒިމް މަރުވި މައްސަލައިގަ އެވެ.
މީގެ އިތުރުން، ހަމަ އެ އުޅަނދުގައި ހުރި އަނެއް ފަސިންޖަރު، އުމުރުން 22 އަހަރުގެ އައިޝަތު ސާރާ ނިޒާމަށް އަނިޔާވި މައްސަލައިގައި އުފުލި ދައުވާލަށް ވެސް ޝަފީގް ވަނީ އިންކާރުކޮށްފަ އެވެ.
ޝަފީގްގެ މައްޗަށް ދައުވާ އުފުލާފައިވަނީ މެލޭޝިޔާގެ 1987 ވަނަ އަހަރުގެ ރޯޑް ޓްރާންސްޕޯޓް އެކްޓްގެ 44(1)(އޭ) އަދި 44(1އޭ)(އޭ) މާއްދާގެ ދަށުންނެވެ. ޤާނޫނުގެ 44(1)(އޭ) މާއްދާގެ ދަށުން ކުށް ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއްގެ އިތުރުން 50,000 އާއި 100,000 މެލޭޝިއަން ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި 44(1އޭ)(އޭ) މާއްދާގެ ދަށުން ކުށް ސާބިތުވެއްޖެނަމަ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމަކާއި، 30,000 އާއި 50,000 ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
މީގެ އިތުރުން، ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން އެހެން އުޅަނދެއްގައި ޖެހި ސާރާއަށް އަނިޔާވި މައްސަލައިގައި އުފުލާފައިވާ ތިންވަނަ ދައުވާއަށް ވެސް އޭނާ ވަނީ އިންކާރުކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދިފަ އެވެ. މި ކުށުގެ އަދަބަކީ 5,000 އާއި 10,000 ރިންގިޓާ ދެމެދުގެ ޖޫރިމަނާއެއް ނުވަތަ 12 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
މި ހާދިސާ ހިނގާފައިވަނީ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު 8:40 އެހައިކަންހާއިރު، މެލޭޝިޔާގެ ޕުޗޯންގް ސެލަޓަން ޓޯލް ޕްލާޒާ ކައިރިން ދަމަންސާރާ-ޕުޗޯންގް ހައިވޭގަ އެވެ.
މެޖިސްޓްރޭޓް މުހައްމަދު ޝަފީގް ސުލައިމާންގެ ކުރިމައްޗަށް ހާޒިރުކުރެވުނު އިރު، ބިިޑިއަޅުވާފައި ހުރި ދައުވާލިބޭ ފަރާތުން ބުނީ އޭނާގެ މައްޗަށް ކުރެވޭ ދައުވާތަކާއި އޭގެ އަދަބުތައް ސާފުވާ ކަމަށެވެ. އޭނާ ކޯޓަށް ހާޒިރުކުރީ ހަތަރު ދުވަހުގެ ބަންދުގެ މުއްދަތަކަށް ފަހުގަ އެވެ.
ޝަރީއަތުގެ މަޖިލީހުގައި އޭނާގެ އާއިލާގެ ބައެއް މެންބަރުން ވެސް ބައިވެރިވި އެވެ. ކޯޓުން ކުރި ސުވާލަކަށް ޖަވާބުދެމުން ޝަފީގް ބުނީ އޭނާގެ އަތުގައި ސައްހަ ލައިސަންސެއް އޮތް ކަމަށެވެ.
ޕްރޮސެކިއުޓަރު އާލިއާ އަނީސާ ހައިރުސް މަސްނާ އެދިވަޑައިގަތީ ކޮންމެ ދައުވާއަކަށް 10,000 ރިންގިޓްގެ ބެއިލްއެއް ކަނޑައަޅައިދިނުމަށެވެ. ނަމަވެސް، ދިފާއީ ވަކީލު ރޯހަން ސިންގް ވަނީ އެ އަދަދު ކުޑަކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. ވަކީލު ވިދާޅުވީ އޭނާގެ މުވައްކިލަކީ އަންބަކާއި ކުޑަ ދެ ކުދިން ބަލަމުންދާ، އަދި ބަލި މަންމައަށް ހަރަދުކުރާ މީހެއް ކަމަށެވެ.
ވަކީލު އިތުރަށް ވިދާޅުވީ ޝަފީގަކީ ފިލައިގެންދާނެ މީހެއް ނޫން ކަމަށާއި، ތަހުގީގަށް އޭނާ ފުރިހަމައަށް އެއްބާރުލުން ދީފައިވާ ކަމަށެވެ. މެޖިސްޓްރޭޓް ވަނީ ކޮންމެ ދައުވާއަކަށް 3,000 ރިންގިޓްގެ މަގުން ޖުމްލަ 9,000 ރިންގިޓަށް ބެއިލް ހަމަޖައްސައިދީފަ އެވެ. އަދި މައްސަލަ ނިމެންދެން އޭނާގެ ލައިސަންސް ހިފެހެއްޓުމަށް ވެސް ކޯޓުން އަމުރުކުރި އެވެ.
މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއް އޮންނާނީ ޑިސެމްބަރު 8 ވަނަ ދުވަހު އެވެ.
ސުބަންގް ޖާޔާގެ ޕޮލިސް ޗީފް އެސިސްޓަންޓް ކޮމިޝަނަރު ވަން އަޒްލާން ވަން މަމަތު ވިދާޅުވި ގޮތުގައި، މި އެކްސިޑެންޓް ހިނގީ ޓޯލް ޕްލާޒާގެ އާރްއެފްއައިޑީ ލޭނާ ކައިރިވަނިކޮށް އެހެން ކާރެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓާއެކު އުޅަނދު އެނބުރި، މަގު މެދަށް ފުރޮޅާލީ އެވެ. މި ހާދިސާގައި އެކަކަށް ކުދި އަނިޔާތަކެއް ލިބުނުއިރު، އަނެއް ފަސިންޖަރު (އިމީލީ) ކާރު ތެރޭގައި ތާށިވެ، އެތަނަށް މަރުވީ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ތިމަރަފުށީ ޓެރަރިޒަމްގެ މައްސަލައިގައި ގިނަ މީހުން ސަލާމަތްވެއްޖެ