ޔަމަނުގެ ހޫތީންނާއި ސައުދީ އަރަބިއްޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި، އެ ގައުމުގެ އިރުމަތީ ސިޓީއެއް ކަމަށްވާ ދަހްރާންގައި ހުންނަ ސައުދީ ސަރުކާރުގެ ތެޔޮ ކުންފުނި، ސައުދީ އަރާމްކޯގެ އިދާރީ އިމާރާތަކަށް ހަމަލާދީފައިވާ ކަމަށާއި، މި ހަމަލާގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް އެ ގައުމުގެ އެނާޖީ މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފި އެވެ.

މި ހާދިސާއާ ގުޅިގެން އަންގާރަ ދުވަހުގެ ރޭ ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ކުންފުނީގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓް ކުރިގޮތުގައި ދަހްރާންގައި ހުންނަ އަރާމްކޯގެ މައި މަރުކަޒަށް ބެލިސްޓިކް މިސައިލެއް ވަނީ އަރާފަ އެވެ. މިސައިލް އަރާފައިވަނީ އެ ކޮމްޕްލެކްސްގައި ހުންނަ އޮފީސް އިމާރާތަކަށެވެ. އަދި އެ އިމާރާތުގެ އެންމެ މަތީ ތިން ފަންގިފިލާއަށް ވަނީ ގެއްލުން ލިބިފަ އެވެ. މީގެ އިތުރުން، އެ އިމާރާތުގައި އަލިފާން ރޯވެފައިވާ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

މި ކޮމްޕްލެކްސްއަކީ އަރާމްކޯގެ މުހިންމު އޮޕަރޭޝަން ސެންޓަރެއް ހުންނަ ތަނެކެވެ. މި ސެންޓަރުން ތެޔޮ ހޮޅިލައިންތަކާއި، ރިފައިނަރީތަކުގެ އިތުރުން ތެޔޮ ބޭރުކުރާ ޓާމިނަލްތަކުގެ މަސައްކަތް ބަލަހައްޓަ އެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމައިގައި ސައުދީން ސަރުކާރުގެ ފައުޖުތަކަށް އެހީތެރިވަމުންދާތީ، އޭގެ ބަދަލުހިފުމެއްގެ ގޮތުން ހޫތީން ދަނީ ފާއިތުވި ހަފުތާއެއްހާ ދުވަހު ސައުދީގެ މުހިންމު ތަންތަނަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ. ރިޔާޒުގެ ބައިނަލްއަގުވާމީ އެއާޕޯޓަށް ހަތަރު ހަމަލާއެއް ދީފައިވާއިރު، ހޮނިހިރު ދުވަހު ދިން ހަމަލާގައި 13 މީހުން ވަނީ މަރުވެފަ އެވެ. ހޮނިހިރު ދުވަހުގެ އެ ހަމަލާއަކީ ފާއިތުވި ދިހަ އަހަރު ތެރޭ ސައުދީއަށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.

ސައުދީ ކޯލިޝަނުން ބުނި ގޮތުގައި ދަހްރާންއަށް ދިން މިސައިލް ހަމަލާ ހުއްޓުވައި ކާމިޔާބުކަމާއެކު ނައްތާލާފައިވާއިރު، އޭގެ ބައިތައް ވެއްޓިފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ. މީގެ އިތުރުން ރިޔާޒާއި ދެކުނު ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކާއި މިސައިލްތައް ވެސް ވައްޓާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރިޔާޒަށް ދިން ހަމަލާތަކުގެ ބައިތައް ވެއްޓި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް ސައުދީ ސިވިލް ޑިފެންސް އިން ބުދަ ދުވަހު ހާމަކުރި އެވެ. އަދި މި ހާދިސާގައި 15 ގެއަކަށް ކުދިކުދި ގެއްލުންތައް ލިބިފައިވާ ކަމަށްވެސް އެ އިދާރާގެ ތަރުޖަމާނު ވިދާޅުވި އެވެ.

ޔަމަނުގެ ވެރިރަށް ސަންއާއަށް ސައުދީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ އަދި ތަދު ރައްދެއް ދޭނެ ކަމަށް ހޫތީން ވަނީ އިންޒާރު ދީފަ އެވެ. ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވި ގޮތުގައި އެމީހުންގެ އަމާޒުތަކުގެ ތެރޭގައި ދަހްރާންގައި ހުންނަ އަރާމްކޯގެ މައި މަރުކަޒާއި ރިޔާޒުގައި ހުންނަ ތެޔޮ ރިފައިނަރީ ހިމެނެ އެވެ. އަދި ތެޔޮ ސިނާއަތުގައި މަސައްކަތްކުރާ މީހުން ހަމަލާގެ އަމާޒަކަށް ވެދާނެ ތަންތަނާ ދުރުގައި ތިބުމަށްވެސް ވަނީ އިންޒާރު ދީފަ އެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ އަލުން ވަރުގަދަވެފައިވަނީ، ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރަށް އެހީތެރިވުމަށް ސައުދީން ފެށި އަސްކަރީ ކެމްޕޭނާ އެކުގަ އެވެ. މި ހަނގުރާމައިގެ ސަބަބުން ސަރަހައްދީ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ވަނީ، ތަކުރާރުކޮށް ދެމުންދާ މި ހަމަލާތަކުގެ ނަތީޖާ ހޫތީންނަށް ވަރަށް ހިތިވާނެ ކަމަށް ވިދާޅުވެފަ އެވެ.