އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުރިއަށްދާއިރު، ވައިގެ ދަތުރުފަތުރާއި ރޭލުގެ ހިދުމަތްތަކަށް ބުރޫއެރިކަމުގައި ވިޔަސް، ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށްވެސް އީރާނު އޮތީ ތައްޔާރަށް ކަމަށް އެގައުމުގެ ސަރުކާރުން އަންގާރަ ދުވަހު ބުނެފި އެވެ.
އީރާނުގެ ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖަރާނީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ފްލައިޓްތައް މެދުކަނޑާލަން ޖެހުނަސް ނުވަތަ ރޭލުގެ ހިދުމަތްތަކަށް ހުރަސް އެޅުނަސް، ކުރިމަތިވެދާނެ ހުރިހާ ހާލަތަކަށް ސަރުކާރުން ތައްޔާރުވެފައިވާ ކަމަށެވެ. ނަމަވެސް، ގައުމު މިވަގުތު އޮތީ ހަނގުރާމައިގެ ހާލަތެއްގައި ކަމަށްވާތީ، ސަރުކާރުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތަފުސީލު ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ފެތުރެމުންދާ ބައެއް ހަބަރުތަކަކީ ހަގީގަތާ ހިލާފު އަޑުތަކެއް ކަމުގައި ވިޔަސް، އެންމެ ދަތި އުނދަގޫ ހާލަތްތަކަށްވެސް ސަރުކާރުން ފުރިހަމައަށް ތައްޔާރުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ކެބިނެޓަށް ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް
ގައުމު މިހާރު އޮތް ނާޒުކު ހާލަތުގެ ސަބަބުން ސިއްރު ހިފަހައްޓަންޖެހޭ ބައެއް މައުލޫމާތުތައް އާންމުކުރެވެން ނެތްކަމަށް މުހާޖަރާނީ ތަކުރާރުކޮށް ވިދާޅުވި އެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެނެސްފާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، މިވަގުތު ވަޒީރުން ބަދަލުކުރުމަކީ އީރާނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އޮތް ހައްލެއް ނޫން ކަމަށެވެ. އަދި އީރާނަށް މިހާރު ކުރިމަތިވެފައިވާ ދަތި ހާލަތުގައި ސަރުކާރުގެ މެންބަރުން ބަދަލުކުރުމުން ނުކުންނާނެ ނަތީޖާއެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވި ގޮތުގައި، ރައީސް މަސްއޫދު ޕެޒެޝްކިއާން ކެބިނެޓަށް ބަދަލެއް ގެނައުމަށް އެއްވެސް ނިންމުމެއް ނިންމަވާފައެއް ނުވެ އެވެ.
އިގުތިސާދަށް ބާރުބޮޑުވުމުން ބޭރުގެ އެހީއަށް ރާއްޖެއިން އެދިއްޖެ
ރަހީނުކޮށްގެން ފައިސާ ފޭރުނު މީހުން ޝަރީއަތް ނިމެންދެން ބަންދަށް
ބާޒާރުގައި ފަސް ރުފިޔާގެ ނޫޓު މަދުވުމުން އާ ސްޓޮކެއް ގެނެސްފި