އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގައިގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ އިބްރާހިމް (އަބުޗާ) މިނިވަންކުރި މައްސަލަ ތަހުގީގުކޮށް، އެކަން ހިނގައިދިޔަ ގޮތް ސާފުކުރުމަށް ޕެރޯލު ބޯޑުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރަން މިއަދު ނިންމައިފި އެވެ.
ރާއްޖެއަށް 98.6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަނޑުމަތިން އަތުލައިގަތް އަބުޗާގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާއަށް އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ މެއި މަހު އެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ހުކުމުގެ އެއްބައި އުނިކުރުމުންވެސް، 25 އަހަރުގެ ހުކުމުން އޭނާ ހޭދަކުރީ އެންމެ ފަސް އަހަރެވެ.
ބާކީ 20 އަހަރުގެ ހުކުމް އޮއްވައި ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލި މައްސަލަ ފެންމަތިވުމާއެކު، ސަރުކާރުން ވަނީ ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން ވަކިކޮށް، މި މަހުގެ ހަވަނަ ދުވަހު އަބުޗާ އަލުން ހައްޔަރުކޮށްފަ އެވެ.
މި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ މެދުވެރިކޮށް ތަހުގީގުކޮށްދިނުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މެންބަރު ހުށަހެޅުއްވި މައްސަލައިގައި ވަނީ، ބޮޑު ކުށްވެރިޔަކު ދޫކޮށްލަން ޕެރޯލް ބޯޑަށް ގާނޫނީ ގޮތުން އޮޅުންއެރި ސަބަބާއި، މިނިވަންކުރުމަށްފަހު އިދާރީ ނިންމުމަކުން އަލުން ހައްޔަރުކުރި ގާނޫނީ އިޖުރާއަތުގެ އިތުރުން، އެ ނިންމުމުގެ މަރުހަލާގައި ހޯމްލޭންޑް މިނިސްޓްރީއާއެކު މުއާމަލާތް ކުރެވިފައިވޭތޯ ބެލުމަށް އެދިވަޑައިގެންފަ އެވެ.
ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ފަރެސްމާތޮޑާ ދާއިރާގެ ޕީއެންސީ މެންބަރު އަޝްރަފު ރަޝީދު ހުށަހެޅުއްވި ގޮތަށް، ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމެވީ މިއީ އާންމު މަސްލަހަތު ހިމެނޭ ބޮޑު މައްސަލައަކަށްވާތީ، ޕެރޯލް ބޯޑުގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށެވެ.
ގުޅުމެއްގައި ތިބާގެ އަގު ވަޒަން ނުކުރެވޭކަން އަންގައިދޭ 5 ކަމެއް!
"ދަ އައިލެންޑް ފެކްޓްރީ" ކާމިޔާބު ވިޔަފާރިއަކަށް
ބާޒާރުގައި ފަސް ރުފިޔާގެ ނޫޓު މަދުވުމުން އާ ސްޓޮކެއް ގެނެސްފި
