އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދުނިޔޭގެ ބާރުތަކުން މި ސަރަހައްދަށް ބޮޑެތި އަސްކަރީ އާލާތްތައް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ސަރުކާރުން މިއަދު ރައްދު ދީފި އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ބައިނަލްއަގުވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ހާއްސަ އިގުތިސާދީ ސަރަހައްދު ހިމެނޭ ގޮތަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ގޮތުން ނުވަތަ އެ ނޫން ވެސް ގޮތަކުން ބަލަހައްޓަން ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ރާއްޖޭގެ މިނިވަންކަމާއި ދިވެހި ސިޔާދަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ސަރަހައްދާއި ދިވެހި ދައުލަތުގެ ސިޔާދަތަކީ އޭގެ މައްޗަށް ރާއްޖޭގެ މިނިވަންކަން ބަރޯސާވާ އަދި ބަދަލު ނުކުރެވޭނެ، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަގުވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަޙައްދު ހިމެނޭ ގޮތުން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ދިވެހި ދައުލަތާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށާއި އެ ހުދޫދުގެ ތެރެއިން، ރާއްޖޭގެ ސަރަޙައްދު ބަލަހައްޓައި ގައުމުގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތު ރައްކާތެރިކުރުމަކީ ދިވެހިން ވަރަށް ފަޚުރުވެރިކަމާއެކު ކޮށްފައިވާ އަދި ކުރަމުންގެންދާ ކަމެއްކަން ތާރީޚުން ހެކިދޭ ކަމަށް ވެސް ބުންޏެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ދުނިޔޭގެ ޖޯގުރަފީއަށް އިޝާރާތް ކުރައްވައި ސަރުކާރުން ވިދާޅުވީ ރާއްޖެއަކީ އިސްތިރާޖީގޮތުން ވަރަށް މުހިންމު ތަނެއްގައި ލައްވާފައިވާ ގައުމެއް ކަމަށާއި ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހުރި ބައިނަލްއަގުވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ވަރަށް ބޮޑު އިންސައްތައެއް، ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރުމަށް ބޭނުންކުރާ މުހިންމު ކަނޑުއޮޅިތަކެއް ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސަރަޙައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދޭ ދިނުމަކީ ދުނިޔޭގެ ތެލުގެ އަދި އެހެނިހެން ވިޔަފާރިތަކަށް ރާއްޖެއިން ޒަމާނުއްސުރެ ކޮށްދޭ އަގުހުރި ޚިދުމަތެއް ކަމަށާއި އެމޭރުމުން ދުނިޔެ އާއި ސަރަޙައްދުގެ ހަމަޖެހުމަށާއި އަމާންކަމަށް ރާއްޖެއިން ކޮށްދޭ ވަރަށް މުހިންމު ޚިދުމަތެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކާ ހަވާލު ނުކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތު ހިމާޔަތްކުރުމަށް ދިވެހި ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. އަދި މި ސިޔާސަތަކީ ސަރަޙައްދުގެ ހަމަޖެހުމާއި ދުނިޔޭގެ ވިޔަފާރީގެ މުއާމަލާތުތަކަށް ފަހި ވެއްޓެއް ގާއިމުކޮށްދިނުމަށް ރާއްޖެއިން ގެންގުޅޭ މުހިންމު ސިޔާސަތެއްކަން ވެސް ފާހަގަކުރި އެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަގުވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ހިމެނޭގޮތުން، ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ގައުމުގެ މިނިވަން ކަމަށާއި ދިވެހި ދައުލަތުގެ ސިޔާދަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށެވެ. އަދި އެއީ ސަރަޙައްދުގެ ހަމަޖެހުމާއި ސަލާމަތަށް އަސަރުކުރާނެ ކަމެއް ކަމަށާއި އެހެންވެ، އެގޮތަށް ކަންކަން ނުކުރުމަކީ ދިވެހި ސަރުކާރުގެ އަސާސީ ސިޔާސަތު ކަމަށް ބުންޏެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫން ވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނެ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ބޭރުގެ ނުފޫޒަކަށް، ސީދާ ނުވަތަ ނުސީދާ ގޮތަކުން ވިޔަސް، އެއްވެސް ފަރާތަކުން ދަޢުވަތު ނުދިނުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.