އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލްކޮށް ބަލައި ފާހަގަކުރުމަށްފަހު، އެ ފަރާތްތަކަށް މެސެޖު މެދުވެރިކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފެށުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނީ، މި ނިޒާމު ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ އަދި ހަލުވިކުރުމެވެ. މިގޮތުން، ގަވާއިދާ ހިލާފުވާ އުޅަނދުތަކާއި މީހުންނާ މެދު ފިޔަވަޅު އެޅުމުގައި ޑިޖިޓަލް ވަސީލަތްތަކާއި، އިލެކްޓްރޯނިކް ސިސްޓަމްތަކުގެ އިތުރުން ހާއްސަ އެޕްލިކޭޝަންތައް ބޭނުންކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތް ރަސްމީކޮށް ފަށާނީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގަ އެވެ.

ފުލުހުންގެ ހިދުމަތުން މި މަސައްކަތް ކުރިއަށް ގެންދާއިރު، އެއްގަމު ދަތުރުފަތުރުގެ ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު އެސްއެމްއެސް އަދި އީ-މެއިލް މެދުވެރިކޮށް ވަގުތުން ފޮނުވަމުންދާނެ އެވެ. އެހެންކަމުން، މި މައުލޫމާތުތައް އުޅަނދު ދުއްވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ސިމްސް ޕޯޓަލް މެދުވެރިކޮށް، މިހާރު ބޭނުންކުރާ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް އަޕްޑޭޓް ކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި އާ ނިޒާމުގެ ދަށުން ފުރަތަމަ މަރުހަލާގައި ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅު އަޅަން ފަށާނީ މާލެއާއި ހުޅުމާލޭގެ ކަނޑައެޅޭ މުހިންމު ސަރަހައްދުތަކަށެވެ. އެގޮތުން ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ސަރަހައްދުތައް، ސްކޫލްތައް ކައިރި، ކަފިހިހުރަސްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕާކިން ޒޯންތައް ހިމެނެ އެވެ.

މީގެ އިތުރުން މާލޭގެ މައި މަގުތައް ކަމަށްވާ މަޖީދީ މަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު، ހުޅުމާލެ ފޭސް 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން އަދި ރީތިގަސް މަގު، ހުޅުމާލެ ފޭސް 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގު ފިޔަވަޅު އަޅާ ސަރަހައްދުތަކުގެ ގޮތުގައި ވަނީ ނިންމާފަ އެވެ.