މޫސުމީ ބަދަލެއް ކަމަށްވާ 'އެލްނީނޯ'ގެ ބާރު ފާއިތުވި ސެޕްޓެމްބަރު މަހު އިތުރަށް ގަދަވެ، ރާއްޖޭގެ ކަނޑުގެ ލޮނުގަނޑާއި ވައިގެ ހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ހާމަކޮށްފި އެވެ.

އިރުމަތީ ޕެސިފިކް ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން އުފެދޭ މި މޫސުމީ ހާލަތަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހޭ މިންވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވައި، ހޫނުގަދަވުމާއި، ހަނަފަސްކަމާއި އަދި ނަގޫރޯޅި ފަދަ ގުދުރަތީ ކާރިސާތަކަށް މަގުފަހިކުރުވާ ކަމެކެވެ. މިއީ ސީދާ މޫސުމީ ބަދަލުތަކުގެ ސަބަބުން އެކަނި ކުރިމަތިވާ ކަމެއް ނޫން ނަމަވެސް، ކަނޑުތަކުގެ ހޫނުމިން މަތިވަމުން ދިޔުމަކީ މީގެ ގެއްލުންތައް އިތުރަށް ނުރައްކާވާ މައިގަނޑު ސަބަބު ކަމަށް މޫސުމީ މާހިރުން ފާހަގަކުރެ އެވެ.

މެޓް އޮފީހުން އެންމެ ފަހުން ނެރުނު ކްލައިމެޓް އަޕްޑޭޓުގައި ވާގޮތުން، އެލްނީނޯގެ އަސަރު އެންމެ ބޮޑަށް ގަދަވާނެ ކަމަށް ލަފާކުރެވެނީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މި ހާލަތުގެ ސަބަބުން ރާއްޖޭގެ ފަރުތައް ހުދުވެ މަރުވުމާއި، މަސްވެރިކަމަށް ނޭދެވޭ އަސަރު ފޯރުމުގެ އިތުރުން، ވާރޭވެހޭ މިންވަރަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު ދަނީ ހޫނުވަމުންނެވެ. އެގޮތުން ސެޕްޓެމްބަރު މަހު ބައެއް ސަރަހައްދުތަކުގައި ކަނޑުގެ ހޫނުމިން އާންމު މިންވަރަށް ވުރެ 1.0 އާއި 2.0 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް ވަނީ އުފުލިފަ އެވެ. ހަމައެއާއެކު، އަހަރުގެ މިހާތަނަށް ވައިގެ ހޫނުމިން އެންމެ ބޮޑަށް މައްޗަށް ދިޔައީ ޖުލައި މަހު ހދ. ހަނިމާދޫގަ އެވެ. އެއީ އާންމު މިންގަނޑަށް ވުރެ 2.0 ޑިގްރީ ސެލްސިއަސްގެ މަތިވުމެކެވެ. މީގެ އިތުރުން، ޖުލައިން ސެޕްޓެމްބަރަށް މާލެ ސަރަހައްދުގެ ހޫނުމިން ވެސް ހުރީ އާދައިގެ މިންވަރަށް ވުރެ 1.0 ޑިގްރީ ސެލްސިއަސް މަތީގަ އެވެ.

މި މޫސުމީ ބަދަލުތަކާއެކު ވާރޭވެހޭ މިންވަރަށް ވެސް ވަނީ ފާހަގަކޮށްލެވޭ ފަދަ ތަފާތުތަކެއް އައިސްފަ އެވެ. އެގޮތުން މެއި މަހު ހަނިމާދޫއަށް އާންމުކޮށް ވެހޭ މިންވަރަށް ވުރެ 243 މިލިމީޓަރު އިތުރަށް ވާރޭ ވެހިފައިވާއިރު، ސެޕްޓެމްބަރު މަހު އައްޑޫ ސިޓީއަށް ވަނީ 287 މިލިމީޓަރު އިތުރަށް ވާރޭ ވެހިފަ އެވެ. ނަމަވެސް، އަހަރުގެ ކުރީކޮޅު ބައެއް ހިސާބުތަކަށް ވާރޭ ވެހުނު މިންވަރު ވަރަށް ބޮޑަށް މަދުވި އެވެ. އޭގެ ތެރޭގައި ޖެނުއަރީ މަހު ގދ. ކާޑެއްދުއަށް 155 މިލިމީޓަރު މަދުން އަދި ޖުލައި މަހު ހަނިމާދޫއަށް 173 މިލިމީޓަރު މަދުން ވާރޭ ވެހުނުކަން ވަނީ ރެކޯޑު ކުރެވިފަ އެވެ.

މި ހާލަތާ ގުޅިގެން ރައްޔިތުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ 'ހީޓް ސްޓްރެސް' އިން ރައްކާތެރިވުމަށް ކުޑަކުދިންނާއި ބަލިމީހުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފަ އެވެ. އަދި ބައެއް ސަރަހައްދުތަކަށް ކުއްލިއަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުސަތު އޮތްއިރު، އަނެއްބައި ހިސާބުތަކަށް ވާރޭ ނުވެހި ހަނަފަސްވުމުގެ ފުރުސަތު އޮތުމާއެކު، ކަނޑުގެ ފަރުތަކުގެ ހާލަތު ގަވާއިދުން މޮނީޓާކުރުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގާފަ އެވެ.