ނުވަ ގަޑިއިރުގެ ނިދި ފުރިހަމައަށް ލިބުމަށްފަހު ވެސް ހެނދުނު ހޭލާއިރު ބޮލުގައި ރިއްސުމަކީ ގިނަ ބަޔަކަށް ތަހައްމަލު ކުރަންޖެހޭ އަދި އޭގެ އަސްލު ސަބަބު ދެނެގަންނަން އުނދަގޫވާ ކަމެކެވެ.

ސީކޭ ބިރްލާ ހޮސްޕިޓަލްގެ ނިއުރޯލޮޖީ ކޮންސަލްޓަންޓް ޑރ. ކަޕިލް ކަންޑެލްވާލް ފާހަގަ ކުރައްވާ ގޮތުގައި، ހެނދުނު ހޭލާއިރު ބޮލުގައި ރިއްސުމަކީ އަބަދު ސީރިއަސް ބައްޔެއްގެ ނިޝާނަކަށް ނުވި ނަމަވެސް، އެކަން ތަކުރާރުވާނަމަ އެއީ ސަމާލުވާންޖެހޭ ކަމެކެވެ.

ހެނދުނު ހޭލާއިރު ބޮލުގައި ރިއްސަން މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ނިދުމުގެ ތެރޭގައި ނޭވާލުމަށް ބުރޫ އެރުން (ސްލީޕް އެޕްނިއާ) ފަދަ ކަންކަން ހިމެނެ އެވެ.

މިފަދަ ކަންކަމުގެ ސަބަބުން ހަށިގަނޑަށް އޮކްސިޖަން ލިބޭ މިންވަރު ދަށްވެ، ހޭލާއިރު ބޮލުގައި ރިއްސުމަށް މެދުވެރިވެ އެވެ. މީގެ އިތުރުން ނިދުމުގެ ކުރިން އެކަށީގެންވާ ވަރަށް ފެން ނުބުއިމާއި، ގިނައިން ދާހިތްލުމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވުމަކީވެސް ހެނދުނު ބޮލުގައި ރިއްސަން ދިމާވާ އާންމު ސަބަބެކެވެ.

ހަމައެއާއެކު ނިދިފައި އޮންނައިރު ނޭނގި ނަމަވެސް ދަތްކުނޑި ވިކުމާއި ދަތްތަކަށް ބާރު ކުރުމުގެ ސަބަބުން ކަންފަތާއި، ނިއްކުރިއާއި، ދަތްދޮޅީގެ މަސްތަކަށް ބާރުބޮޑުވެ، ހޭލާއިރު ބޮލުގައި ރިއްސާ ގޮތްވެ އެވެ.

މައިގްރޭންގެ އުނދަގޫ ހުންނަ މީހުން ނިދާ ވަގުތުތަކަށް ބަދަލު އައުމުން ނުވަތަ ނިދުމުގެ ކުރިން ކެފެއިން (ސައި/ކޮފީ) ބޭނުން ކުރުމުން ހެނދުނު ބޮލުގައި ރިއްސުމުގެ ފުރުސަތު ބޮޑުވާއިރު މާ ގިނައިން ތަދު ކަނޑުވާ ބޭސްތައް ބޭނުން ކުރުމަކީވެސް ބޭހުގެ ބޮލުގައި ރިއްސަން މެދުވެރިވާ ކަމެކެވެ.

ޑޮކްޓަރު އިރުޝާދު ދެއްވާ ގޮތުގައި، ހެނދުނު ހޭލާއިރު މާ ބޮޑަށް ބޮލުގައި ރިއްސުން، ބޮލުގައި ރިއްސުމާއެކު ހަންލޮނުހެވިގެން ދިއުން، ލޮލުގެ ފެނުމަށް ބަދަލު އައުން، ނުވަތަ ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދަން ޖެހޭނެ އެވެ.

ހެނދުނު ހޭލާއިރު ތަކުރާރުކޮށް މާ ބޮޑަށް ބޮލުގައި ރިއްސާނަމަ، އެއީ ނާރުގެ ސީރިއަސް މައްސަލައެއް ނުވަތަ ސިކުނޑީގެ ޓިއުމަރެއް ފަދަ ކަމެއްގެ އަލާމާތަކަށްވެސް ވެދާނެތީ ޑޮކްޓަރަށް ދައްކައިގެން ތަހުލީލުތައް ކުރުން މުހިއްމެވެ.