ގެވެށި އަނިޔާގެ ތުހުމަތުތަކެއް އަމާޒު ވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހައްޔަރު ކުރަން ސޯޝަލް މީޑިއާގައި ގޮވާލާ އަޑުތައް ގަދަވެއްޖެ އެވެ.
އީސައަކީ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވަމުން ގެންދަވާ އީސަ މިދިިޔަ އަންގާރަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް ހިންގި ކަމަށް ބުނެ އޭނާގެ ކުރީގެ އަންހެނުން ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. އީސަ ކައިވެނި ބައްލަވައިގެން އުޅުއްވީ ނާއިބު ރައީސްގެ ކޮއްކޮ އަސްރާ ނަސީމް (އަސޫ) އާ އެވެ. އެއީ އީސާގެ ތިންވަނަ ކައިވެންޏެވެ. އަސޫގެ ފުރަތަމަ ކައިވެންޏެވެ. އެ ދެ މަފިރިންނަށް ކުއްޖަކު ވެސް ލިބިފައި ވެއެވެ.
އަސްރާއަށް ގެވެށި އަނިޔާކުރި ކަމަށް ބުނާ މަންޒަރު ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީ އަސްރާ ދިރިއުޅޭ ގޭގެ އެހެން ފްލޯއެއްގައި އުޅުނު ބަޔެކެވެ. އެކަމާ ގުޅޭގޮތުން އަަަސްރާ ވަނީ މީޑިއާތަކާ ވާހަކަ ދައްކަން ބޭނުން ނުވެ އެވެ.
އީސަ ވަނީ އެ ދެމީހުންގެ އެއް އަހަރާއި ނުވަ މަހުގެ ތުއްތު ކުއްޖާ ބެލްކަނިން ވައްޓާލާނެ ކަމަށް ވިދާޅުވެފަ އެވެ.
އަސްރާއަށް ލިބިފައިވާ އަނިޔާތަކަށް ބަލާއިރު މޫނާއި ހަށިގަނޑުގެ އެކި ތަންތަން ވަނީ ދުޅަވެފަ އެވެ. އަނިޔާގެ މާ ބޮޑު ތަފްސީލެއް މިހާތަނަށް ލިބިފައި ނުވެ އެވެ. ލިބުނު އަނިޔާތަކަށް އަސްރާ މިހާރު ވަނީ އައިޖީއެމްއެޗުން ފަރުވާ ހޯދައިފަ އެވެ.
ގެވެށި އަނިޔާގެ ތުހުމަތު ކުރެވުމުން ވެސް އީސަ ހައްޔަރު ނުކުރާތީ އާންމުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އަދި މަޖިލީހުގެ މެންބަރެއްގެ ފަރާތުން އެފަދަ އަމަލެއް އައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ވަގުތުން ފިޔަވަޅު އަޅަން ވެސް ދަނީ ގޮވާލަމުން ނެވެ. މެންބަރު އީސައަށް ފިޔަވަޅު ނާޅާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ބައެއް އިސް ފަރާތްތަކުގެ ނުރުހުން ވެސް ވަނީ އަމާޒުވެފަ އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އާދަމް ނަވާޒް އޭނާގެ ފޭސްބުކް އެކައުންޓުގައި ވިދާޅުވެފައި ވަނީ، އީސާއާ ދެކޮޅަށް ކުރެވޭ ތުހުމަތަކަށް ބަލާއިރު އޭނާ ބަންދުގައި ހުންނަން ޖެހޭ ކަމަށެވެ.
"މެމްބަރު އީސަ އެއް އަހަރާއި ނުވަ މަހުގެ އަމިއްލަ ދަރިފުޅު ނުވަ ބުރީގެ އިމާރާތުގެ ބެލްކަނީން އެއްލައިލާނެ ކަމަށް ވިދާޅުވެ، އަންހެނުންގެ ގަޔަށް ގެއްލުންދީ އަތް ބިދިއްޖެ ކަމުގައިވާނަމަ އޭނާ މިހާރު ހުންނަން ޖެހޭނީ ހައްޔަރުގައި،" ނަވާޒު ވިދާޅުވި އެވެ.
ޖިންސީ އަނިޔާ އަދި ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ "އެމްވީރައިޒްއަމް" މޫވްމެންޓުން ބުނީ، އީސާ ހިންގި އަމަލު ކުށްވެރިކުރާ ކަމަށާއި، އަދި އޭނާގެ އެ އަމަލަކީ މުޖްތަމައަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އީސަ މިހާރުން މިހާރަށް ހައްޔަރުކުރަން ވަނީ ގޮވާލައިފަ އެވެ.
މީގެ އިތުރުން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވިދާޅުވީ އީސަގެ އަމަލުތަކަކީ މަޖިލީހުގެ އެހެން މެންބަރުންނަށްވެސް ލަދުވެތި ކަމެއް ކަމަށާއި، އީސަ ހައްޔަރުކޮށް ފިޔަވަޅު އަޅަން ފުލުހުންނަށް ގޮވާލާ ކަމަށެވެ.
އީސައަށް ކުރެވެމުންދާ ތުހުމަތުތަކާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލައިގައި އީސަ އަދި ހައްޔަރު ނުކުރާ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އެގިފައިވާ ގޮތުގައި އަސްރާ މިހާރު ވަނީ ފުލުހުންނަށް ބަޔާންދީފަ އެވެ.
މިއާއެކު ދެން އުފެދިގެން އައި އޮއިވަރުގެ ވާހަކައިގަ އޮތީ އީސައަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ ވާހަކަ އެވެ. އެކަމުގެ ހުއްޖަތަށް އެންމެ ފުރަތަމަ ދެއްކީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މުހައްމަދުގެ ފިރިމީހާގެ މައްޗަށް ރޭޕުގެ ތުހުމަތު ކުރެވުމުން ވެސް އޭނާ ހައްޔަރުނުކޮށް ހުރުމުންނެވެ.
ސަފާރީ އެއްގައި ހިނގިކަމަށް ބުނާ އެ ރޭޕް ކޭސްއާ ގުޅިގެން ޖީހާންގެ ފިރިމީހާގެ އިތުރުން އެހެން މީހަކު ވެސް ހައްޔަރުކުރި އެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އާއިލާ މީހެކެވެ. އެ ދެ މީހުން ދޫކޮށްލީ މަޖިލިސް މެމްބަރުންގެ ނުފޫޒުން ކަމަށް ތުހުމަތުކުރެވޭ އިރު ރޭޕް ކޭސް ތަހުގީގު ދަނީ ފިނިހަކި ދުވެލީގަ އެވެ.
ދެވަނައަށް ފާހަގަކުރީ ކުޑައްކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 10 އަހަރަށް ޖަލަށްލި ހޯރަ އިއްބެ މި ސަރުކާރުން ވެރިކަމަށް އައުމާއެކު މިނިވަންކުރި ވާހަކަ އެވެ. ހޯރަ އިއްބެއަކީ އެމްޑީޕީގެ އެކްޓިވިސްޓެކެވެ.
އެއަށްފަހު ޖިންސީ ފުރައްސާރައާ ގެވެށި އަނިޔާތަކާ ދެކޮޅަށް އާއްމުން ހިންގާ ހަރަކާތްތަށް ފުލުހުން މެދުވެރިކޮށް ރޫޅާލުމުން ގެވެށި އަނިޔާ އަދި ޖިންސީ ގޯނާގެ މައްސަލަތަށް ސަރުކާރުން އިިސްކަން ނުދޭކަން ހާމަވާކަމަށް އާއްމުން ދަނީ ބުނަމުންނެވެ.
ހަގީގަތަކީ މިހާރުގެ ސަރުކާރުން ޖިންސީ ފުރައްސާރަ އަދި ގެވެށި އަނިޔާގެ މައްސަލަތަށް ސީރިއަސްކޮށް ނުނަގާ ކަމެވެ. އެކަން އެތައް ބަޔަކު ފާހަގަކުރެ އެވެ. ހުދު ސަރުކާރަށް ވެސް އެކަން ފާހަގަކުރެވެ އެވެ. އެކަމަކު މިފަހަރު އާއްމުން ތިބީ ބަލާށެވެ. މިއީ ސީދާ އެމްޑީޕީގެ މެމްބަރަކަށް ކުރެވުނު ސީރިއަސް ތުހުމަތަކެވެ
އާއްމުން ބަލައިގެން ތިއްބަސް އަދި މިހާތަނަށް އީސައާ ދެކޮޅަށް އެޅުުނު ފިޔަވަޅެއް ނެތެވެ. ކުޑަމިނުން ފުލުހަށް ހާޒިރުކޮށް ސުވާލު ވެސް ނުކުރެ އެވެ. އެހެންވީމާ ވާނެގޮތް ވަރަށް ސާފެވެ.