އީރާނުގެ ނިއުކްލިއާ ގާބިލުކަން އެކީގައި ސާފުކޮށްލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ދަނިކޮށް، އެ ގައުމުގެ ނިއުކްލިއާ މަޝްރޫއާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ މީހުންނަށް 20 މިލިއަން ޑޮލަރާ ހަމައަށް ފައިސާގެ އިނާމެއް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ 'ރިވޯޑްސް ފޯ ޖަސްޓިސް' (އާރްއެފްޖޭ) ޕްރޮގްރާމުން ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އީރާނުގެ ނިއުކްލިއާ ވަސީލަތްތަކާއި، އިކުއިޕްމަންޓް އަދި އެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅޭ މައުލޫމާތު ހޯދުމަށް އެދޭ ކަމަށެވެ. އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް އެހެން ގައުމަކަށް ބަދަލުވުމުގެ ފުރުސަތު ދެވިދާނެ ކަމަށް ވެސް އެ ޕްރޮގްރާމުން ވަނީ ހާމަކޮށްފަ އެވެ.

މިދިޔަ އަހަރު 12 ދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގެ ތެރޭގައި ޓްރަމްޕް ވަނީ އީރާނުގެ މައިގަނޑު ނިއުކްލިއާ އެންރިޗްމަންޓް ވަސީލަތްތައް "އެއްކޮށް ނައްތާލެވިފައިވާ" ކަމަށް އިއުލާނު ކުރައްވާފަ އެވެ. އޭގެފަހުން ވެސް ތަކުރާރުކޮށް އެމަނިކުފާނު އެ ދައުވާ ކުރައްވަމުން ކުރިއަށްގެންދެވިިއިރު، އެ ދައުވާއާމެދު ސުވާލު އުފެއްދި ސީއެންއެން ފަދަ މީޑިއާތަކަށް ވެސް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މިއަހަރުގެ ހަނގުރާމައިގެ ތެރޭގައި ވެސް އެމެރިކާއާއި އިސްރާއީލުން ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަލުން ހަމަލާތަކެއް ދީފަ އެވެ. އަދި އީރާނުގެ ނުރައްކަލާ ދެކޮޅަށް ފިޔަވަޅު އެޅުއްވި ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން، "އަޅުގަނޑުމެން އީރާނަށް ހަމަލާ ނުދިންނަމަ، މިއަދު އިސްރާއީލެއް ވެސް ނޯންނާނެ" ކަމަށް ވިދާޅުވެފަ އެވެ.