ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބާރު ނުހިނގާ ކަމަށް އެ މަނިކުފާނުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މީރާ މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އާންމު ފަރާތަކުން ކޮށްފައިވާ ޓުވީޓަށް ދިން ޖަވާބެއްގައި އެވެ.

އާންމު ފަރާތްތަކުން ކޮށްފައިވާ ޓުވީޓްގައި ބުނެފައި ވަނީ އީސަ މިނިވަންކަން މަތީ ހުރެއްޖެ ނަމަ ރައިސް ނަޝީދަށް ދުވަހަކު ވެސް މައާފު ނުކުރާނެ ކަމަށެވެ. އެ ފަދައިން ކޮށްފައިވާ ޓުވީޓަށް ރައްދު ދެއްވާ އެ މަނިކުފާނުގެ ދަރިކަނބަލުން މީރާ ވިދާޅުވީ، އެ މަނިކުފާނުގެ އެވަރުގެ ބާރެއް މި ސަރުކާރުގައި ނެތް ކަމަށާއި އެމަނިކުފާނު ދައްކާ ވާހަކަ މި ސަރުކާރުން އަޑު ނާހާ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން ވެސް މީރާ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން މި ސަރިކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އާއި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު އަދި އެކޮނޮމިކް މިނިސްޓަރު ފައްޔާޒު މިހަމަލާ ދިނުމުގައި ބައިވެރިވެފައިވާ ކަމަށް ވަނީ މީރާ ތުހުމަތު ކުރައްވާފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އިތުބާރު ނުކުރައްވާ ކަމަށް ވެސް މީރާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުގައި ރައީސް ނަޝީދުގެ ބާރެއް ނެތް ކަމަށް ދަރިކަނބަލުން ވިދާޅުވެފައި ވާއިރު، ހަމަލާގެ ތަހުގީގައި ގުޅިގެން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ ހަމަލާގެ ތަހުގީގަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.