ކެދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ އޭނާގެ ކުރީގެ އަނިކަނބަލުން އަސްރާ ނަސީމް (އަސޫ)އަށް ގެވެށި އަނިޔާގެކުރި ކަމުގެ ތުހުމަތު އަމާޒުވުމާއެކު އީސާއާ ދެކޮޅަށް ނަފްރަތާއި ރުޅިވެރިކަމުގެ ބަސްތަށް ދިޔައީ އަމާޒުވަމުންނެވެ. ސޯޝަލް މީޑިއާގައި އުފެދިފައިވާ ބާރުގަދަ އޮއިވަރެއްގައި ޖެހި އީސަ ދިޔައީ ބެހެމުންނެވެ.
ރައްޔިތުުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ގާނޫނު ހަދަން މަޖިލީހަށް ހޮވާފައިވާ މެމްބަރެއްގެ ފަރާތުން ގެވެށި އަނިޔާ ފަދަ މުޖުތަމައު ބަލައި ނުގަންނަ ހަޑިމުޑުދާރު އަމަލެއް ފެނުމުން އާއްމުން ބޭނުންވީ އީސަ އެ ބާރުގަދަ އޮއިވާރުގައި ގަންބާލުމަށެވެ. އެގޮތަށް އެކަން ކުރަން ބޭނުންވީ ކިތަންމެ ބާރުގަދަ މީހަކަށް ވިޔަސް ކުށެއްކޮށްފައި ނުރެކެވޭނެކަން އަންގައި ދިނުމަށެވެ. އީސައާ ދެކޮޅަށް ވާހަކަދެއްކި މަދު މީހަކު ވެސް ޖެހުނީ އީސާއެކު އޮއިވަރުގައ ބެހިގެން ދާށެވެ.
އެ އޮއިވަރުގައި ޖެހި އަޑިއަށް ދާހެން ހީވުމުން ސަލާމަތްވުމަށް އީސަށް ޖެހުނީ އޭނާގެ ދޮށީ ދަރިފުޅު މުހައްމަދު ޖިދާދު ބޭނުންކޮށްގެން "އިމޯޝަނަލް ސިމްޕަތީ ކާޑް" ކުޅޭށެވެ. އެ ގޭމަކީ އާއްމުކޮށް ސިޔާސީ މީހުން ރައްތިތުންނަށް އޮޅުވާލަން ކުޅެ ހަދާ ގޭމެކެވެ. ޖިދާދު ވަނީ އޭނާގެ ބައްޕަގެ ދިފާއުގައި ދިގު ޕޯސްޓެއް ފޭސްބުކްގައި ކޮށްފަ އެވެ.
އެ ޕޯސްޓުގައި ޖިދާދު ބުނީ އޭނާގެ ބައްޕަގެ ބޮލުގައި އަޅުވާފައިވާ ތުހުމަތަކީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތެއް ކަމަށެވެ. އަދި ވަނީ ގެވެށި އަނިޔާ ލިބުނު އަސޫ އެ ހަދަނީ ދޮގު ކަމަށް ބުނެފަ އެވެ. އެގޮތުން ޖިދާދު ބުނީ، އަނިޔާކުރުމުގެ ސަބަބުން އަސޫގެ އެއް އަތް ބިންދައިގެން ދިޔަ ކަމަށް ބުންޏަސް، އަސޫ ފުލުހަށް ބަޔާން ދޭން ދިޔައިރު އޭނާގެ ދެ އަތް ސަލާމަތުން ހުރި ކަމަށެވެ.
އަސޫއަށް އަނިޔާކުރަމުން ދާކަން އެނގުމުން އެތަނަށް ދިޔަ މީހަކު ބުނީ، އެވަގުތު އެތަނުގައި ޖިދާދު ނެތް ކަމަށެވެ. އަދި އީސަގެ އަނިޔާތަކުން އަސޫ ސަލާމަތްވީ 10 ވަރަކަށް ފުލުހުން ގެންގޮސް ކަމަށެވެ.
އެހެންކަމުން އީސަގެ "ސަވައިވިން ޓެކްނިކް" ފެއިލްވީ އެވެ.
ދެން މީގެ ޕޮލިޓިކްސް ސައިޑަށް ބަލާއިރު އީސައަކީ ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރެކެވެ. އެ އިންސާފުގެ ވާހަަކަތާއި އަނިޔާތަކާއި ދެކޮޅު ވާހަކަ އެންމެ ގަދައަށް ދައްކާ ޕާޓީ އެވެ. އެކަމަކު އީސަގެ މައްސަލައިގައި އެމްޑީޕީ މެމްބަރުން ތިބީ ހަނު އެވެ. ވަކިން ހާއްސަކޮށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އަދި ގޮލޮޅު ދާއިރާގެ މެމްބަރުުންގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ހުންނެވީ ހަނު އެވެ.
އެ ހަތަރު މެމްބަރުންނަކީ އަނިޔާތަކާ ދެކޮޅުކަމަށް އެންމެ ގަދައަށް ވަކާލާތު ކުރައްވާ ރާއްޖޭގެ ޕޮލިޓިޝަނުންނެވެ. އެކަމަކު އެކުވެރި އީސަގެ މައްސަލަ ފެންމަތިވުމާއެކު އިހްތިޔާރުކުރީ ތިމަންނާމެން ގަބޫލުކުރާ ހަމަތަކުގެ ބަދަލުގައި އެކުވެރިކަމެވެ. އެ ހަތަރު މެމްބަރުންނަކީ ވެސް އެމްޑީޕީ ލީޑާޝިޕުގައި ހިމެނޭ ބޭފުޅުންނެވެ.
ހަފްތާއެއް ވެގެން ދިޔައިރު ވެސް އީސާއާ ދެކޮޅަށް ބަހެއް ބުނަން އެ ހަތަރު މެމްބަރުންނަށް ނުކުރެމުން ހަދާންވަނީ، ކަނޑުހުޅުދޫއިން ފެންމަތިވި ޖިންސީ އަނިޔާކުރުމުގެ މައްސަލަ އެކެވެ. އެ މައްސަލައަކީ އެއް އާއިލާއެއްގެ ތިން ފިރިހެނުން އެ އާއިލާގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތެވެ.
އެ މައްސަލަ ފެންމަތިވުމާއެކު އީސަގެ ހަތަރު އަންހެން އެކުވެރިންގެ އަޑު ގަދަވެ، އޭރުގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުއަށް މަޖުބޫރުވީ އިސްތިއުފާ ދިނުމަށެވެ. ނަމަވެސް އީސަގެ މައްސަލައިގައި އެ ހަތަރު މެމްބަރުން އެންމެ ކުޑަމިނުން މިހާރުގެ ޖެންޑާ މިނިސްޓަރު އައިިޝަތު މުހައްމަދު ދީދީ މަޖިލިސްއަށް ހާޒިރު ވެސް ނުކުރެ އެވެ.
އެހެންކަމުން އެމްޑީޕީން ވަކާލާތު ކުރާ އިންސާފަކީ ކޮބައިކަން ވަރަށް ސާފެވެ. އެއީ އެމީހުން ބޭނުން ގޮތަކަށް މޮޑެން ބޭނުންކުރާ ފުއްގަޑެކެވެ. އެކަން އެންމެ ސާފުކޮށް އެގުނީ އީސަ ހައްޔަރުކުރަން ތިން ފަހަރެއްގެ މަތިން ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ.