ކޮވިޑް-19އިގެ ސަބަބުން ވަޒީފާ ގެއްލި އަދި ވަޒީފާއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް ލިބޭ މީހުންގެ މައުލޫމާތު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) މިރޭ އާންމު ކުރައްވައިފި އެވެ.

މިނިސްޓަރު ފައްޔާޒު އެތައް ބައެއްގެ ޒާތީ މައުލޫމާތު އާއްމުކުރެއްވީ އިންކަމް ސަޕޯޓް ލިބޭ މީހުން ކަނޑައަޅާ ގޮތާއި އެ އެލަވަންސް ދޭ މީހުންނާމެދު ބައެއް އާންމުން ސޯޝަލް މީޑިއާގައި ސުވާލު އުފައްދަން ފެށުމުންނެވެ. އެކަން އެގޮތަށް ނުހިނގާކަން ސާބިތުކޮށް ދިނުމުގެ ގޮތުން ފައްޔާޒު ވަނީ އިންކަމް އެލަވެންސް ލިބުނު މީހުންގެ ޒާތީ މައުލޫމާތު ޓުވިޓާގައި އާއްމުކުރައްވައިފަ އެވެ.

އިންކަމް ސަޕޯޓް އެލެވެންސް ލިބުނު މީހުންގެ ޒާތީ މައުލޫމާތު އާއްމުކުރުން، ފައްޔާޒަށް ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އަދި އެފަދަ ލިސްޓެއް އާންމުކޮށްފައިވަނީ ސަރުކާރުތަކުން އަމަލުކުރާ އުސޫލުތަކާއި ހިލާފަށް އަދި މި ސަރުކާރުން ކުރިން ވެފައިވާ ވައުދާ ވެސް ހިލާފަށް ކަމަށް ބުނެ ފައްޔާޒަށް ފާޑުކިޔުން އަމާޒުކުރި އެވެ.

ފަހުން ފައްޔާޒު ވަނީ އެ ޓުވީޓް ޑިލީޓް ކުރައްވާފަ އެވެ. އަދި ކަން ކުރެވުނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ މައާފަށް ވެސް އެދިވަޑައިގެންނެވި އެވެ.

ނަމަވެސް އެ ފަހުން ވިދާޅުވީ ޒާތީ މައުލޫމާތު އުނިކުރުމަށް ފަހު އަދިވެސް އެ ލިސްޓް އާންމު ކުރައްވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސް 22,786 މީހަކަށް އެކި ފަހަރުތަކަށް ބަހާލައިގެން ދީފައިވެ އެވެ. މިގޮތުން ދިން ފައިސާގެ އަދަދު 418 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ސަރުކާރުން ނެރުނު އިކޮނޮމިކް ރިލީފް ޕެކޭޖްގައި ހިމަނައިގެން ދޭން ފެށި، އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކުރަނީ 5،000ރ. އެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފަ އެވެ.

ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހަދާފައިވާ ދިރާސާއެއްގައިވާ ގޮތުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 45،000 ވަޒީފާ އަކަށް އަސަރު ކޮށްފައިވެ އެވެ.