ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް އޮންނަނީ ތަފާތު އެތައް ކަމެއްގެ މައްޗަށް އެކުލެވިގެންވާ "ޔުނިކު" ހާލަތެކެވެ. އެމެރިކާ، ޔޫރަޕު، އޭޝިއާ، އެފްރިކާ އަދި އޯޝެނިއާގެ ގައުމުތަކުގެ ޙާލަތާ ދިވެހި ރާއްޖޭގެ ހާލަތު ތަފާތު ވެދާނެއެވެ. އެމެރިކާ، ޔޫރަޕު އަދި ޖަޕާނު ފަދަ އެ ޤައުމުތަކުގައި، ކުދިން ބޮޑަތިވެ ޒަވާޖީ ޙަޔާތެއް ފެށުމާއެކު، މައިން ބަފައިންގެ ގެއިން ނުކުމެ ވަކިން އަމިއްލަ ދިރިއުޅުމަކަށް ބަދަލުވެއެވެ. ޒުވާން އުމުރުއްސުރެ އެމީހުން ޢާންމުކޮށް ދިރިއުޅޭނީ، ވަޒީފާ އެއިރަކު އަދާކުރާ ތަނަކާއި ގާތުން، އެއިރެއްގެ ޙާލަތަށް އޮބިއޮންނަ ވަރުގެ ކުޑަ ތަނެއް ކުއްޔަށް ހިފައިގެންނެވެ. ދަރިން ހޯދުމުގެ ކުރިން، ފައިސާ ރައްކާ ކޮށްގެން އަދި ގިނަފަހަރު ވަޒީފާގެ ގެރެންޓީއާއެކު، ބޭންކުގެ އެހީގައި، އަދި ދަރިން ލިބުމުން (ދަރިން ބޮޑުވަންދެން) ދަރިންނާއެކު ދިރި އުޅެވޭނެ ފަދަ ތަނަވަސް ތަނެއް ކޮންމެ ދެމަފިރިޔަކު ވެސް ހޯދައެވެ. އެކަން ޙާސިލުކުރަނީ ޒުވާން އުމުރުގައި ދެމަފިރިން ވެސް އެކުގައި މަސައްކަތް ކޮށްގެނެވެ.
އެގޮތުގެ މަތިން، ކުދިން ބޮޑެތިވެ މައިން ބަފައިންނާއި ވަކިން ދިރިއުޅޭ އަމިއްލަ ވަކި ދިރިއުޅުމަކަށް ބަދަލުވުމުން، އެކުދިންގެ މައިން ބަފައިންގެ ގޭގައި ކުރިން ދަރިން ދިރިއުޅުނު ކޮޓަރި ހުންނަނީ ހުސްކޮށެވެ. މައިންބަފައިން އޭރު ތިބޭނީ އުމުރުން ދުވަސްވެ "ރިޓަޔާމަންޓް އޭޖް" ގަ އެވެ. އެފަދަ ބައެއް ގޭގޭގައި ހުސްކޮށް ހުންނަ ތަނުން ކޮޓަރިއެއް ވިސާ ނަގައިގެން ކިޔަވަން އައިސް ހުންނަ ކިޔަވާ ކުއްޖަކު ހުންނަން ކުއްޔަށް ދީފާނެ އެވެ. އެއީ ތަހުޒީބު ގައުމުތަކުގައި އާންމުކޮށް އެކަން ކުރާ ގޮތެވެ. އިނގިރޭސިވިލާތާއި ސްކޮޓްލެންޑް، ކެނެޑާ އަދި ޖަޕާން ފަދަ ގައުމުތަކުން މިކަން ފެންނާނެއެވެ.
ދިވެހި ރާއްޖެއަކީ ތިންވަނަ ދުނިޔޭގެ ގައުމުތަކުގެ ނިސްބަތުން ލިބޭ އާމްދަނީ ބޮޑު ގައުމެކެވެ. މެލޭޝިއާ، އިންޑިއާ، ތައިލެންޑު ނުވަތަ ނޭޕާލް ފަދަ ގައުމުތަކުގެ މީހުން، އެމީހުންގެ ގައުމުގައި ލިބެން ހުންނަ މުސާރައަށް ވުރެ ބޮޑު މުސާރައަށް، ދިވެހިރާއްޖޭގައި މަސައްކަތްކުރަން އާދެއެވެ އެހެން އެވަނީ، ކޮންމެވެސް ކަމެއް ނުވަތަ ފުރުސަތެއް، އެމީހުންގެ ގައުމަށް ވުރެ ދިވެހިރާއްޖޭގައި ރަނަގަޅުވުމުން ކަން ކަށަވަރެވެ. އެ ރަނގަޅު، ރަނގަޅު ގޮތުގައި ދެމެހެއްޓުމަކީ، ދިވެހިރާއްޖެއަށް ރަނގަޅު ކަމެކެވެ.
އެއްކަމަކާ އަނެއް ކަމެއް ލާމެހިފައި އޮންނައިރު ނިންމުމެއް ނިންމަން ޖެހެނީ މުޖުތަމައުގެ ހުރިހާ ކަމަކަށް ވިސްނައި، ކުރާ ކަމެއްގެ ސަބަބުން، އެހެންދިމަ ދިމާލުން ނަމަވެސް އަތުވެދާނެ ގެއްލުމަކާ ނުރައްކަލަށް ވެސް ވިސްނާފައެވެ. ކުރާ ކޮންމެ ކަމެއްގައި އަދުލާ އިންސާފަށް ވެސް ވިސްނަން ވާނެއެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނެއުޅޭ ނޫންތޯއެވެ. ތަފާތު ކަންކަމުން "ދުރު މުސްތަގުބަލުގައި" ނުކުމެދާނެ ނަތީޖާއަކަށް ވެސް ވިސްނަން ވާނެ ނޫންތޯއެވެ؟
ކުރިން ފަށާ މާލޫދު، ކުރިން ނިންމަންވާނޭ ދިވެހިން ބުނެއުޅޭ ބަހުގެ މާނައަކީ ކޮބައިތޯއެވެ؟ ރިސޯޓުތަކާއި ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކިގެން، އިތުރު ފުރުސަތު މިހާރު އަންނަނީ ދައުލަތުން ދެއްވަމުންނެވެ. ގެސްޓުހައުސްތަކަށް ދެއްވަފައިވާ ލޯނުތައް މިހާރު ހުރީ މައްސަލަޖެހޭ ހިސާބުގައެވެ. އެފަދަ "ފަރާތްތައް" ނޮން ޕާފޯމިން އެކައުންޓް ތަކަކަށް ވެއްޖެނަމަ، އެއްޖީލު ހަލާކުވީއެވެ. ކުދި އެހެނިހެން ބައިވަރު ލޯނުތައް ވެސް ހުރީ، ގެސްޓުހައުސް ވިޔަފާރިތަކާ ލާމެހިފައެވެ.
މިފަދަ ހާލަތެއްގައި މިހާރު އޮޕަރޭޓުކުރާ އެފަދަ ކުދި ވިޔަފާރިތަކަށް އެހީތެރިވެދީ، ރައްކާތެރިކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް މިފަދަ ކަންކަން ހައްލުނުވެ ހުއްޓައި، އިތުރު ކަމެއް، ގެއްލުންތަކެއް ތަހަންމަލުކުރަން ޖެހިދާނެ ފަދަ ގޮތަކަށް، ފެއްޓުމަކީ ހެދޭ އިތުރު ގޯހަކަށް ވެދާނެއެވެ. މީ ޒާތީވެގެން ދައްކާ ވާހަކަ އެއްނޫނެވެ. އިޚްލާސްތެރިކަމާއެކު ޤައުމަށްޓަކައި ނަންގަންނަ ވާހަކައެކެވެ.
މިހާރުގެ ހާލަތަކީ، ކަންކަން ރެގިއުލޭޓް ނުކުރެވި ބޮއްސުން ލާފައިވާ ޙާލަތެކެވެ. ރާއްޖޭގެ ރަށްރަށުގައި ހައްދާ ދަނޑުތަކަކީ ބޭރު މީހުންގެ ތަންތަނެވެ. އެތަނުން ލިބޭ މޭވާއާއި ތަރުކާރީ މާލެ ގެނެސް ވިއްކަނީ ބޭރު މީހުންނެވެ. މާލޭގައި ގެސްޓުހައުސްތައް ހިންގަނީ ބޭރު މީހުންނެވެ. ރެސްޓޯރަންޓާއި ސައިހޮޓާތަށް ހިންގަނީ ބޭރު މީހުންނެވެ. ކޮވިޑުގެ މިޙާލަތުގައި މިފަދަ ތަންތަން ބަންދުކޮށްފައި ހުރުމުން، ކައްކައިގެން "ފުޑުޕާރުސަލް"ތައް ގޭގެއަށް ގެންގޮސްދެނީ ބޭރު މީހުންނެވެ. ކަންމަތީ ފިހާރަތައް ހިންގަނީ ބޭރު މީހުންނެވެ. ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކަނީ ބޭރު މީހުނެވެ. މިހެން ގޮސް މިލިސްޓް ވަރަށް ދިގެވެ.
މިކަންކަން ހައްލު ނުވަނީ "ކޮރަޕްޝަން" ބޮޑުވެގެންނޭ ބުނެ މީހުން ވާހަކަ ދައްކާނެ ސަބަބުތައް އެބަހުއްޓެވެ. އެހެންކަމުން އެފަދަ ކަންކަން ރެގިއުލޭޓު ނުކުރެވި އޮއްވައި އެއަށްވުރެ، ހާލަތު އިތުރަށް ގޯސްވާނެ ފަދަ ކަންކަންކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.
އެހެންކަމުން، ލޯންގްސްޓޭ ފުރީ ވިސާގައި ބޭރު މީހުން ރާއްޖޭގެ ރަށްރަށުގައި ހޯމްސްޓޭގައި ތިބެގެން، ކޮޗިން ފެރީގައި މުދާ ގެނެސްގެން ވިއްކަން ފެށީމައި ދެންވާނީ ކިހިނެއްތޯއެވެ؟ މިކަން މިގޮތަށް ނުވާނެ ކަމަށް ބުނެ ދެއްކެން އެއްވެސް ޙުއްޖަތެއް އެބައޮތް ތޯއެވެ؟
މީ ޖަޒީރާ ގައުމެކެވެ. މިތާގެ "ލޮޖިސްޓިކްސް" މެލޭޝިއާ އާއި ތަފާތު ވާނެއެވެ. މީ މުސްލިމު ގައުމެކެކެވެ. ތައިލެންޑް، ފިލިލިޕީންސް ފަދައިން "ސިންގަލް މަދާސް" މި މުޖުތަމައަށް އޯކޭ އެއްނޫނެވެ. އެމެރިކާއާއި ނެދަލެންޑްގައި "ހެރޮއިން" އާއި "މެރުވާނާ" އޯކޭ ވިޔަސް މި ދިވެހި މުޖުތަމަޢުގައި އެކަންކަން އޯކޭއެއް ނޫނެވެ. އިނގިރޭސިވިލާތުގައި ކޮވިޑް "މިޓިގޭޓް" ކުރާ ގައިޑްލައިންތައް މިގައުމަށް "ޕްރެކްޓިކަލް"އެއް ނޫންކަން މިހާރު ފެނޭނޫންތޯއެވެ؟ މިގައުމުގެ ކަންކަން ޖެހޭނީ މިތާގެ މާހައުލަށް "ކަސްޓަމައިސް" ކުރާށެވެ. މީ ވަކިމީހަކަށް ނިސްބަސްކޮށް ދެންނެވި ވާހަކައެއް ނޫނެވެ. އިޚުހުލާތްތެރިކަމާއެކު ވިސްނާލެއްވުމަށް ދެންނެވި ވާހަކައެކެވެ.
ރާއްޖޭ ގެމާހައުލު ވަރަށް ތަފާތެވެ. މީހުން ދިރިއުޅޭ ގޭގޭގައި ހުންނަ ހުސް ކޮޓަރިތައް މިގައުމުގައި ބޭނުން ކުރުމަށް "ކަސްޓަމައިސް" ކުރަން އެންމެ ރަނގަޅުވާނީ މި ޤައުމުގެ މާހައުލަށް ފެތޭ ގޮތަކަށެވެ. މިތާކު ޔުނިވަރސިޓީތަކެއް ނެތެވެ. އެހެން ކަމުން ހޯމްސްޓޭއަށް މިތަނަށް އަންނާނީ މުޅިން އެހެން ބައެކެވެ. މިސަބަބާއިހުރެ، ހޯމްސްޓޭއަށް ބޭނުންކުރެވޭ ގޮތަށްހުރި ތަންތަން ބޭނުން ކުރަންވާނީ މުޖުތަމައަށާއި ވިޔަފާރިތަކަށް ގެއްލުންނުވެ، ފައިދާވާ ގޮތަށެވެ. ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން، މަސައްކަތް ނިންމާފައި އާއިލާ ގާތަށް ދެވޭނެ މާހައުލު ނުވަތަ ފުރުސަތު، އިސްލާހުކުރެވުނު އެމްޕްލޯއީމެންޓް ޤާނޫނުގެ ސަބަބުން މިހާރު އެފެދިފައި ވާނަމަ އެއީ ވެސް ފަހި ފުރުސަތެކެވެ.
ރައްޔިތުންގެ ބިމާއި ފަޅުތައް އަދި އެހެނިހެން ވެސް ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރި ކުރާއިރު، އެފަދަ ވިޔަފާރިކުރާ ފަރާތްތަކުގެ "ކޯޕަރޭޓް ރެސްޕޮންސިބިލިޓީތަކެއް" ވެސް އޮވެއެވެ. އެއީ ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް އެކަން އޮންނަގޮތެވެ. އެހެންކަމުން މީހުން ދިރިއުޅޭ ގޭގޭގައި ހުންނަ ހުސް ކޮޓަރިތަކަކީ، ރިސޯޓު ތަކުގައި މަސައްކަތްކުރާ، ރިސޯޓާއި ދުރު ރަށްރަށުގެ މުވައްޒަފުން އެމީހުންގެ އާއިލާއާއެކީ ދިރިއުޅޭ ތަނަކަށް ހަމަ ޖައްސަވައި ދެއްވަން ވީނޫންތޯއެވެ؟ އޭރުން ވިސާގެ މައްސަލައެއް ނުވަތަ ޓެކުހުގެ މައްސަލައެއް ވެސް ދިމާނުވާނެ ތާއެވެ!
އެފަދަ ފަރާތްތަކުގެ ދަރިން ވެސް ގެނެސް ސުކޫލަށް ވައްދައި މައިންބަފައިންނާއެކު ބޮޑުވުމުގެ ފުރުސަތު ދެއްވަންވީ ނޫންތޯއެވެ؟ އޭރުން އާއިލާއާއެކު ދަރިން ބޮޑުވެ ރަނގަޅު ޖީލެއް ބިނާކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ތާއެވެ؟ ރިސޯޓުގައި މަސައްކަތްކުރާ ބެލެނެވެރިޔާއަށް ކޮންމެ ދުވަހަކު ނާދެވުނަސް، މިހާރަށްވުރެ ލުއިފަސޭހަކޮށް އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު އޮންނާނެތާއެވެ!
މިހެން ކަންކަންރޭވި ހިންގަން ފެށިއްޖެނަމަ، ރަށަށް ވަންނަ އާމްދަނީ ވެސް އިތުރުވެ، ވިޔަފާރިތަކަށް ވެސް ތަނަވަސް ދުވަސްތަކެއް އަންނާނެތާއެވެ! އެފަދަ އާއިލާތަކުގެ އެހެނިހެން މެންބަރުން އެއްރަށުން އަނެއްރަށަށް ދަތުރުތައް ކުރަން އިސާހިތަކު ފަށާނެތާއެވެ! އަޅުގަނޑުމެން އަބަދުވެސް ބޭނުންވެގެން އުޅޭ ޑޮމެސްޓިކް ޓޫރިޒަމް އޭރުން ފެށުނީތާއެވެ! އޭރުން ޑޮމެސްޓިކް ޓްރާންސްޕޯޓް ނެޓްވޯކު ފެށޭއިރު އޮންނާނީ އެކަންވެސް ފައިދާއާއެކު ކުރާ ވިޔަފާރިއަކަށް ވެފަތާއެވެ!
މިގައުމު މިދަނީ ގޯހުންގޯހަށް. ދެވަނަ ފަލަސްތީނަށް ނުވެއްޖެއްޔާ ކިތަންމެ ހައިވެސް ރަނގަޅު. ބޮލެއްނެތް ބަޔަކަށް ނުވިސްނުނަސް އިޒްރާއީލްގެ އެންމެގާތް އެކުވެރިޔާ ގެރި މޯދީ ހިޔަޅު ފުއްލާއަށް ބަލާގޮތަށް އެއޮތީ ބަލަހައްޓައިގެންނެވެ. މި ކޮވިޑުގެ ހާލަތުގެ ހާސްކަމުގައި ތިއްބާ ގައުމު ފޭރިގަތުމުގެ ބޮޑު ނިންމުމެއް ނިންމީއެވެ. މިއީ ސިޔާސީ ޖާހިލުންގެ ސަބަބުން ލިބޭގެއްލުމެވެ.
ވަރައް ފުރިހަމަ ފުރިހަމަ ބަސްތައްބޭނުން ކޮއްގެން ލިޔެލެވިދާނެ އެކަމު ތިކަން ކަމާވިސްނާ ގެން ގައުމު ބައްޓަން ކުރަން އުޅޭނެ ހިއަވަރު ހުރި މީހަކު މިގައުމުގާ އެބަހުރިތޯ ؟؟؟
ވަރަށް ފުރިހަމައަށް ލިޔެފައިވާ ލިޔުމެއް
ތިޔަ ވިދާޅުވީ ވަރަށް ބޮޑު ތެދު ފުޅެއް