ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އަލަށް އައްޔަން ކުރެއްވި ޑރ. ހުސައިން ރަޝީދު ހަސަންގެ ހިއްސާއެއް ކުންފުންޏެއްގައި އޮތުމުން އޭނާގެ ހުވައާ މެދު ސުވާލު އުފައްދަވައިފަ އެވެ.

މީގެ ކުރިން އެންވަޔަރަންމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި އެ މަގާމަށް ޑރ. ހުސައިން އައްޔަން ކުރަން ފެނޭތޯ ބަލަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ފޮނުވީ މި މަހުގެ 18 ވަނަ ދުވަހު އެވެ. މިއަދު ކުރިއަށް ދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި، ބައެއް މެމްބަރުން ވަނީ ޑރ. ހުސައިންގެ ހިއްސާ ކުންފުންޏެއްގައި އޮންނާތީވެ މަގާމުގެ ހުވަޔާ ދޭތެރޭ ވަނީ ސުވާލު އުފައްދަވާފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ޑޮކިއުމަންޓްތަކާ ހަވާލާދީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ ޑރ. ހުސައިންގެ ނަން، ކުންފުންޏެއްގެ ފައުންޑިން ޝެއާހޯލްޑަރެއްގެ ގޮތުގައި އެބައޮތް ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމަށް ވިދާޅެއް ނުވެ އެވެ. އެހެންކަމުން ވަހީދު އެދިވަޑައިގަތީ އެކަމުގައި މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފައެއް ހޯދުމަށެވެ.

"އޭރުން ވާގޮތަކީ މެމްބަރުންގެ މެދުގައި ސުވާލެއް އުފެދުނަސް އަޅުގަނޑުމެން ނިންމި ނިންމުމުގައި ބިނާކުރި ކައުންސެލް ޖެނެރަލްގެ ލަފާ ފެންނަން އޮންނާނެ،" ވަހީދު ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުންނަމަ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް އަދި ވިޔަފާރި ފައިދާއެއް ލިބޭފަދަ މަގާމެއް ފުރައިގެން ނުވާނެ އެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ އާމްދަނީ ހޯދުމަށް ފަންނީ މަސައްކަތެއްގައި އަމަލީ ގޮތުން ޝާމިލްވެ އާމްދަނީއެއް ލިބޭ ފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށް އެހެން އެެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކުރުން ވަނީ މަނާވާނެ އެވެ.

މަނަދޫ ދާއިރާގެ މެމްބަރު ހާރޫން އިދުރީސް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ގާނޫނުއަސާސީގައި ވަރަށް ސަރީހަކޮށް ވަޒީރަކަށް އެހެން ވިޔަފާރިއެއްގައި ބައިވެރިނުވެވޭނެ ކަމަށް އޮއްވައި ޑރ. ހުސައިން މަގާމަށް އައްޔަނުކުރަން ފެނިވަޑައި ނުގަންނަވާ ކަމަަށެވެ.

ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު ވިދާޅުވީ ކުންފުންޏެއްގެ ޝެއާ ހޯލްޑަރެއްގެ ގޮތުގައި މީހަކު ހުރި ނަމަވެސް ގިނަ ފަހަރު ކުންފުނީގެ މާލިއްޔަތާ ގުޅޭ ކަންކަމުގައި ޒިންމާ ނަަގަނީ މެނޭޖިން ޑިރެކްޓަރު ކަމަށެވެ. އެހެންކަމުން ޑރ. ހުސައިން ކުންފުންޏެއްގެ ޝެއާ ހޯލްޑަރަކަށްވެ ހުރެ ވަޒީރެއްގެ ގޮތުގައި ހުރުން މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުމުން ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފައެއް ހޯދަން އެއްވެސް މެމްބަރަކު އިއުތިރާޒެއް ނުކުރައްވަ އެވެ. އެހެންކަމުން އެކަމުގައި ގާނޫނީ ލަފައެއް ލިބެންދެން ޑރ. ހުސައިންއަށް ރުހުން ދިނުން މަޑުޖައްސާލަން ވަނީ ނިންމައިފަ އެވެ.