ދުނިޔޭގައި އުޅޭއިރު ތިމާ އެންމެ ބޭނުންވާ ގޮތަށް ކަންތައްތައް ނުދާ އެތައް ފަހަރެއް އާދެއެވެ. ހިތް ނޭދޭ ކަންކަމާ ކުރިމަތިލާނ­ް ޖެހޭ އެތައް ހާލަތްތަކަކާ ވެސް ކުރިމަތިވެއެވެ. ފިކުރު ބޮޑުވާންޖެހޭ ފަދަ އެތައް ދަނޑިވަޅަކާ ވެސް ދިމާވެއެވެ. މި ފަދަ ހާލަތްތަކުގައި ސިކުނޑިއަށް ކުރާ ބާރު ބޮޑުވެއެވެ. ހިތް ނުތަނަވަސްވެ ގޯސްތައް ހެދޭ ފަހަރުފަހަރު އާދެއެވެ. މި ފަދަ ގޮތަކަށް ހިތް ނުތަނަވަސްވެ ފިކުރު ބޮޑުވުމަކީ ސްޓްރެސް ކަަމަށް ބުނެވިދާނެއެވެ. ސްޓްރެސްވުމަކީ ބައެއް ފަހަރު ތިމާއަށް ގެއްލުން ހުރި ކަމެކެވެ. އަދި މިއީ އެތައް ބައްޔެއްގެ ފެށުމަށް ވެސް މެއެވެ. އެހެންކަމުން ސްޓްރެސް ނުފިލައި ގިނަ ދުވަސްތަކަކަށް ދެމިިގެންދާ ނަމަ، މި ކަމަށް ހައްލެއް ލިބޭތޯ ބެލުމަކީ، ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. މި ލިޔުމުގައި އެ ފަދަ ބައެއް ކަންކަމަށް އަލި އަޅުވައިލާނަމެވެ.

ސްޓްރެސްވުމަކީ މީހާ ކަންނެތްކޮށް، ކުރަން ހުންނަ މަސައްކަތްތަކާ ދުރުކުރުވާ ކަމެކެވެ. ދުވަހީ ދިރިއުޅުމުގައި އާދަކޮށް ކުރަމުން އަންނަ ކަންކަން މަތިން ވެސް ފޫހިކުރުވާ ކަމެކެވެ. އެހެންކަމުން ސްޓްރެސް ފިލުވަން ބޭނުން ނަމަ ޖެހޭނީ އެ ކަމާ ކެރިގެން ކުރިމަތި ލާށެވެ! ހިތްވަރުކޮށްލައިގެން ދަމުނަމާދުން ނުވަތަ ފަތިސްނަމާދުން ދުވަސް ފަށާށެވެ! ތެދުވަން ބޭނުން ނުވި ނަމަވެސް ހިތްވަރާއެކު ތެދުވެ، އާ ދުވަހަކާ ކުރިމަތި ލާށެވެ! ނަމާދުކޮށް ދުޢާކޮށް، ހެނދުނުގެ ޒިކުރުތައް ކިޔާލައި ދުވަހުގެ ފެށުން ރަނގަޅުކުރާށެވެ! ތިމާއާއި ހެއްދެވި ފަރާތާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރާށެވެ! ވީ ވަރަކުން ދީނީ އަޅުކަންތަކުގައި ޝާމިލުވެ އުޅޭށެވެ! ބަރާބަރަށް ނަމާދުކޮށް، ކޮންމެ ދުވަހަކު ވެސް ޤުރުއާނުން މިންވަރެއް ކިޔެވޭތޯ މަސައްކަތް ކުރާށެވެ! މި ކަންކަން ކުރަން ފެށުމުން، ތިމާގެ ހިތަށް ހަމަޖެހުން ލިބެމުން އަންނަކަން އިހުސާސް ކުރެވޭނެއެވެ.

ހެނދުނުގެ ކޮފީއަކީ ވަރަށް ގިނަ މީހުންނަށް އެއާ ނުލައި އުޅެން ދަތި އެއްޗެކެވެ. ބައެއް މީހުންނަކީ ކޮފީ ބުއިމަށް ދެވި ހިފާފައި ތިބޭ ބައެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް ކޮފީއަކީ އެހައި ގިނައިން ބޯން ރަނގަޅު އެއްޗެއް ނޫންކަމަށް ޞިއްޙީ މާހިރުން ލަފާ ދެއްވައެވެ. ކޮފީގެ ބަދަލުގައި ކޮންމެވެސް ކަހަލަ ސަޔެއް ބޯލާށެވެ. ތަފާތު ފެންނާނެއެވެ. ޚާއްޞަކޮށް ނިދާ ވަގުތު ކައިރިކޮށްފައި ކޮފީ ބުއިމަކީ، އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫނެވެ. ރޭގަނޑު ކޮފީ ބުއިމުން ތިމާ ނިދަން ބޭނުންވާ ގަޑީގައި ނުނިދި، ފިކުރު ކުރުމުގައި އޮންނާން ޖެހިދާނެއެވެ. އަޖުމަ ބަލާލަން ނަމަވެސް ކޮފީއާ ނުލައި، ދުވަހެއް ހޭދަކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟

ތިމާގެ ހަށިގަނޑު ދެކެ ލޯބިވާނީ ހަމަ ތިމާއެވެ. ތިޔަ ހަށިގަނޑު ދެކެ އެންމެ ލޯބި ވާން ވާނީ ވެސް ހަމަ ތިމާއެވެ. ހަށިގަނޑަށް ދޭންވާ ލޯބި ފުރިހަމައަށް ދޭށެވެ. ރަނގަޅު ކާނާ ކާށެވެ! އާދަކޮށް ކަސްރަތު ކުރާށެވެ! ނިދި ހަމަކުރާށެވެ! ސްޓްރެސް ފިލުވުމަށް ކަސްރަތެއް ކޮށްލުމަކީ، ކުރުން ވަރަށް މުހިންމު ކަމެކެވެ. ކަސްރަތު ކުރުމުގެ މާނައަކީ ކޮންމެހެން ޖިމަކަށް ގޮސްގެން ކަސްރަތު ކުރުމެއް ނޫނެވެ. ހިނގަން ދިއުން، ދުވަން ދިއުން ނޫނީ ފަތާލަން ދިއުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ތިމާ ކުޅޭ ހިތްވާ ކުޅިވަރެއް ކުޅެލަން ދިއުމަކީ ވެސް، ހަމަ އެންމެ ރަނގަޅު ކަމެކެވެ. ކަސްރަތާއެކު ރަނގަޅު ކާނާއަކީ ވެސް ވަރަށް މުހިންމު އެއްޗެކެވެ. ގަޑިން ގަޑިއަށް ފައިދާހުރި ކާނާ ކެއުމަށް އާދަކުރާށެވެ! ހަށިގަނޑަށް ބޭނުންވާ ވަރަށް ކާނާ ނުލިބުމަކީ، މީހާ ލޮޑުވެ ކަންނެތްވާނެ ކަމެކެވެ. މުޅި ދުވަހު ވަރުބަލިކަން އިހުސާސްކުރުވާނެ ކަމެކެވެ. ނިދުން ވެސް ހަމަ މި ފަދައެވެ. ނިންޖަކީ އިންސާނާގެ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ކަމެކެވެ. ނިދި ނުލިބޭ ނަމަ ވެސް، ވަރުބަލިކަން އިހުސާސްވެ، މަސައްކަތްތަކުގައި އުޅެން މޫޑެއް ނުހުންނާނެއެވެ. މަދުވެގެން 6 ގަޑި އިރު ނިދުމަށް ޞިއްޙީ މާހިރުން ލަފާ ދެއްވައެވެ. އަމިއްލަ ނަފުސަށް ބޭނުންވާ އަސާސީ ކަންކަމަށް އިސްކަންދީ، ވެވުނު މިންވަރަކުން ނަފުސަށް ލޯބިކުރާށެވެ. އިރާދަކުރެއްވިއްޔާ މީހާ ތާޒާވެ، ހަށިގަނޑުން އެކަން ފެންނާން ފަށާނެއެވެ.

ތިމާގެ ހިތުގައި އުފެދޭ ނުރަނގަޅު ގޯސް ހިޔާލުތަކާ ދުރުވުމަށް މަސައްކަތް ކުރާށެވެ! އަބަދުވެސް ފަހި ވިސްނުމަކުން ވިސްނަން އާދަ ކުރާށެވެ! ކަންކަމާ ދޭތެރޭ ގޯސްކޮށް ވިސްނުމަކީ މީހާ އިތުރަށް ސްޓްރެސް ވާނެ ކަމެކެވެ. ވީހާ ވެސް ބޮޑަށް ކަންކަމާ ދޭތެރޭ ފަހި ވިސްނުމަކުން ވިސްނޭތޯ ބަލާށެވެ! ތިމާގެ ހަށްޓަށާއި ސިކުނޑިއަށް ލުއި ވާންފަށާނެއެވެ. ބައެއް ފަހަރަށް ސިކުނޑީގައި އުފެދޭ ނުރަނގަޅު ޚިޔާލުތަކާއި ވަސްވާސްތަކާ ދުރުވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ދިމާވާ ކަމަކުން އުފެދޭ ސްޓްރެސްގައި މި ފަދަ ޚިޔާލުތަކުން އަބަދުވެސް ސިކުނޑި ހާސްކުރަމުން ގެންދެއެވެ. އަދި ކުރަން ބޭނުން ނުވާ ކަންކަން މި ހާސްކަމުގެ ތެރޭގައި ކުރެވޭތަން އާދެއެވެ. މި ފަދަ ހާލަތަކަށް މީހާ ދިއުމުގެ ކުރިިން، އިތުބާރު ކުރެވޭ ރައްޓެއްސަކާ ވާހަކަތައް ހިއްސާކޮށްލުމުން، ސިކުނޑިއަށް ވަރަށް ލުއިވާނެއެވެ. ހިތަށްވަރަށް ފަސޭހަވާނެއެވެ. ދެން ފަހަރަކުން މިއީ އަޖުމަ ބަލާލަން ރަނގަޅު ގޮތަކަށް ވާނެއެވެ.

ކަންކަމާ ދޭތެރޭ ނުވަތަ މީހުންނާ ދޭތެރޭ ދެކޭ ގޮތް ފަހި ގޮތަކަށް ބަދަލު ކޮށްލުމަކީ ވެސް ސްޓްރެސް ފިލުވުމަށް ކޮށްލެވިދާނެ ވަރަށް ކުޑަ އެހެނަސް ވަރަށް ބޮޑު ކަމެކެވެ. މީހަކާ ދޭތެރޭ ހިތްހަމަނުޖެހުމުން އޭނާ ކޮށްދީފައިވާ ރަނގަޅު ކަންކަން މަތިން ހަނދާންކޮށްލާށެވެ! ކުރެވުނު ގޯސްކަން ހިތަށް ގެނައުމުގެ ބަދަލުގައި، ރަނގަޅަށް ކޮށްދީފައިވާ ގިނަ ކަންކަމުގެ މަތިން ހަނދާން ކުރުމުން، އޭނާގެ މައްޗަށް ހިތް ސާފު ވާނެއެވެ. ހަމަ އެގޮތަށް ހިތްހަމަ ނުޖެހޭ ގޮތަށް ކަމެއްވާ ކޮންމެ ފަހަރަކު، އެއީ ދެރަ ކަމެއް ކަމަށް ހީ ނުކުރާށެވެ! ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަށް ކަމަށް ވިސްނާށެވެ! ނޫން ނަމަ އެއަށްވުރެ ހެޔޮ ގޮތެއް މިންވަރު ކޮށްދެއްވާނެ ކަމަށް ވިސްނައި، ހެޔޮ ގޮތްވުމަށް އެދޭށެވެ! ދެރަކަމެއް ކަމުގައި ގަބޫލުކުރެވުނު ތިޔަ ކަމުގެ ސަބަބުން މުޅި މީހާ މާޔޫސްވެ، ދެރަވެ، ދިރިއުޅުން މަތިން ފޫހި ވިޔަ ނުދޭށެވެ! އެކަން މެދުވެރި ކުރެއްވީ ކުރިއަށް އޮތް މުސީބާތަކުން ސަލާމަތްކުރެއްވުމަށް ކަމަށް ވެސް ވެދާނެއެވެ. ހަޔާތުގައި ލިބިފައި ހުރި ގިނަ ނިޢުމަތްތައް ހިތަށް ގެނެސް ޝުކުރުވެރިވާށެވެ! އިރާދަކުރެއްވިއްޔާ އުފާވެރި ދިރިއުޅުމެއް ލިބޭނެއެވެ.

އެޑިޓަރުގެ ނޯޓް: ޝިއުނާ އަޙުމަދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދާރިސެކެވެ. އޭނާ ވަނީ ދިވެހި ބަހާއި ސަގާފަތުގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާޞިލުކުރައްވާފައެވެ. އޭނާ ވަނީ އެކިއެކި މަޖައްލާތަކާއި ސައިޓްތަކުގައި ތަފާތު މައުޟޫޢުތަކަށް އާޓިކަލްތައް ލިޔެ ޝާއިޢުކުރައްވާފައެވެ.