އިންޓަނެޓް އަގު ހެޔޮނުކޮށްގެން އެތައް ބަޔަކު ޝަކުވާކުރަން ފެށުމުން، އިންޓަނެޓްގެ އަގަށް ގެނައި ބަދަލު އެންމެ ފަހުން މިއަދު އިއުލާންކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މުހިއްމު ވައުދެއް ކަމުގައި އިންޓަނެޓްގެ އަގުހެޔޮ ކުރުމާ ގުޅިގެން ސަރުކާރުގެ ސިޔާސަތައް ގެންނަ ބަދަލުތައް އިއުލާންކޮށްފައިވަނީ މިއަދު ހެނދުނު ބޭއްވި އޮންލައިން ރަސްމިއްޔާތެއްގަ އެވެ.

އިންޓަނެޓްގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ކަނެކްޝަންތަކަށް ވަނީ ގެނެސްފަ އެވެ. މި ބަދަލު ގެނައުމުން ގޭބިސީތަކާއި ވިޔަފާރިތަކުގައި ބޭނުންކުރާ އިންޓަނެޓްގެ އަގު ވަރަށް ބޮޑަށް ހެޔޮވެގެންދާނެ އެވެ.

ސަރުކާރުން ހުށައަޅާފައިވާ އަގުތަކަކީ:

  • 5 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 250ރ. އަށް 30 ޖީބީ
  • 15 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 500ރ. އަށް 100 ޖީބީ
  • 25 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 700ރ. އަށް 200 ޖީބީ

އެގޮތުން ޖުލައި މަހުން ފެށިގެން ރެސިޑެންޝަލް އިންޓަނެޓް ގެ ޚިދުމަތް އަގު ހެޔޮވެގެންދާއިރު މޯބައިލް އިންޓަނެޓް އޮކްޓޯބަރު މަހުން ފެށިގެން އަގު ހެޔޮވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ތިން ކުންފުންޏެއް އޮވެ އެވެ. އެއީ ދިރާގު، އުރީދޫ އަދި އާރްއޯއެލް އެވެ. މި ވިޔަފާރިތަކުން ހިދުމަތް ފޯރުކޮށްދޭ އަގުތަކަށް ބަލާއިރު، ސަރުކާރުގެ ހުށަހެޅުމުގައި ހިމެނޭ އިންޓަނެޓްގެ އަގުތައް ވަރަށް ބޮޑުތަން ކުޑަ އެވެ.

އިންޓަނެޓްގެ އަގަށް ގެނައި ބަދަލުތައް އިއުލާނުކުރަން ބޭއްވި ހަފުލާގައި ބުނި ގޮތުގައި މި ބަދަލުތަކުގެ އިތުރަށް ވެސް ހިދުމަތް ހޯދާ ފަރާތްތަކަށް މިއަށްވުރެ އެކަށޭނަ އަގުތަކެއްގައި ހިދުމަތް ދިނުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ކުރެވިދާނެ ކަންކަން ހޯދުމަށް ސާވިސް ޕްރޮވައިޑަރުންނާއެކު ވަނީ އެއްބަސްވެފަ އެވެ.

އިންޓަނެޓް އަގުހެޔޮ ކުރުމުގެ ސިޔާސަތު ތަންފީޒު ކުރެވެން ފެށުމުން، ރާއްޖޭގައި ދޭ އިންޓަރނެޓް ޚިދުމަތުގެ ފެންވަރާއި އަގުތައް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ގަވައިދުން ރެގިއުލޭޓް ކުރަމުންދާނެ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ބުންޏެވެ. މިގޮތުން ރެގިއުލޭޓަރީ ފްރޭމްވާކް ހަރުދަނާކުރެވި، ކޮމިއުނިކޭޝަން އޮތޯރިޓީ މެދުވެރިކޮށް އިންޓަރނެޓް ސްޕީޑް އަދި ކޮލިޓީ މޮނިޓަރިންގެ މަސައްކަތްތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.