މި އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ގިލި ލަންކަން ރިސޯޓުން ކ. ހިންމަފުށީ ކައިރީގައި އޮންނަ ފިނޮޅަކަށް ގެއްލުންދިން މައްސަލައިގައި އެ ރިސޯޓު 5،62،980 ރުފިޔާއިން ޖޫރިމާނާކޮށްފި އެވެ.

އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހިންމަފުށި އާއި ގިލި ލަންކަންފުށި ރިސޯޓާއި ދެމެދު އޮންނަ ފިނޮޅަށް ރިސޯޓު ރިސޯޓުގެ މުވައްޒިފުންތަކެއް އަރައި، އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާނެ ގޮތަށް ފަސްގަނޑު ކޮނެ، އެ ފިނޮޅުގެ ވެލިގަނޑު ގިރައިގެން ދާނެ ގޮތަށް ކޯރު ކަނޑާފައިވާކަން ފުލުހުން މެދުވެރިކޮށް ބެލިބެލުމުން ޔަގީން ކުރެވިފައިވާ ކަމަށެވެ. އަދި ބުނީ ގިލި ލަންކަންފުށި ރިސޯޓުން ވަނީ އެ ފިނޮޅުގެ ތިން ސަރަހައްދެއްގައި ކޯރު ކަނޑާފައިވާ ކަމަށެވެ.

އެ ހުރިހާ ކަމެއް އެގޮތަށް ހުރުމުން ތިމާވެއްޓަށް ދޭ ގެއްލުންތަށް ޖޫރިމާނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމާނާގެ އަދަދުު ކަމަށްވާ 5،62،980 (ފަސް ލައްކަ ފަސްދޮޅޮސް ދެހާސް ނުވަސަތޭކަ އަށްޑިހަ) ރުފިޔާއިންއިން ގިލި ލަންކަންފުށި ރިސޯޓު ޖޫރިމާނާކޮށް އެކަން އެ ރިސޯޓު އޮޕަރޭޓްކުރާ ޕްރޯމްސް ޕްރައިިވެޓް ލިމިޓެޑަށް އަންގާފައިވާ ކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ.

ޖޫރިމާނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދައްކަން ޖެހެ އެވެ.

ގިލިލަންކަންފުށި ރިސޯޓު އޮންނަނީ، އެއް ފަޅެއްގައި، ހިންމަފުއްޓާ ކައިރީގަ އެވެ. އެކަމަކު ރައްޖޭގެ މަތީ ފެންވަރުގެ އެ ރިސޯޓްގެ ކޮޓަރިތައް އަޅާފައި ހުންނަނީ ހިންމަފުއްޓާ ދުރުގަ އެވެ.

ނައްތާލަން އުޅުނު ފިނޮޅަށް އެ ރަށުގެ ރައްޔިތުން ވަރަށް ގިނައިން ޕިކްނިކް ގޮސް އުޅެ އެވެ.

ގިލިލަންކަންފުށި ރިސޯޓުން ފިނޮޅު ނައްތާލަން، އެ ފަސްގަނޑުގެ ތެރެއިން ކޯރު ކަނޑަމުން ދަނިކޮށް ހިންމަފުށީ ބަޔަކު ވަނީ ފުލުހުންނާ އެކު ގޮސް އެތަނަށް އަރައި އެކަން ހުއްޓުވައިފަ އެވެ. ރޭ ދަންވަރު އެކަން ހުއްޓުވަން ފިނޮޅަށް ދިޔަ، އެ ރަށުގެ ގެސްޓްހައުސްގެ އިސް ވެރިއެއް ކަމަށްވާ މުހައްމަދު އިމްތިޔާޒް ވިދާޅުވީ ގިލިލަންކަންފުށި ރިސޯޓުން އެކަން ކުރަން ގޮސް ތިބީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކްއާ އެކު ކަމަށެވެ.

ދިޔަވަރު ހިކިފައި އޮންނަ އިރު އެ ފިނޮޅުގެ ދިގުމުގައި ގާތްގަނޑަކަށް 200 ފޫޓް ހުރެ އެވެ. އެތަން ނައްތާލަން އުޅެނިކޮށް ހިންމަފުށީގެ ބައެއް މީހުން ދިޔަ އިރު ތިން ސަރަހައްދަކުން އޭރު ވެސް ކޯރު ކަނޑާފައި އޮތް ކަމަށް، ވެއެވެ. އެގޮތަށް ކޯރު ކޮނުނީ ފިނޮޅު އަވަހަށް ގިރައިގެން ދާނެ ގޮތް ހެދުމަށެވެ. ނަމަވެސް ގިލިލަންކަންފުށިން ހަދަން އުޅުނު އެ ބޮޑު ގޯސް ހުއްޓުވަން ހިތްމަފުށިން ސާޅީހަކަށް ޒުވާނުން ފިނޮޅަށް އެރި އެވެ.