ކޮވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރޭގައި، ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ނުބައި އާދަތަކާ ދުރުހެލިވުމަށް ދިވެހި ރައްޔިތުންނަށް ރައީސް އިބްރާހީމް މުހަމަދު ސޯލިހް އިލްތިމާސް ކުރައްވައިފި އެވެ.
ރައީސް ސޯލިހް މިކަމަށް އިލްތިމާސްކުރެއްވީ ދުނިޔޭގެ މި އަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބާގައި އެ މަނިކުފާނު ފޮނުއްވި ހިތޯބުގަ އެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އެތައް ގެއްލުންތަކެއް ލިބިފައިވާ މި ހާލަތަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އިސްރާފުތައް ހުއްޓާލައި، އެ ނުބައި އާދައާ ދުރުހެލިވާން އެންމެ މުނާސަބު ވަގުތު ކަމަށެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމާ ކޮވިޑް-19 އަކީވެސް ފުއްޕާމެޔާ ނޭވާލާ ނިޒާމު ބަލިކޮށްލާ ކަމަކަށްވާއިރު، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ކޮވިޑް-19އަށް ހުށަހެޅިއްޖެ ނަމަ، އެކަމުގެ ހުރި ނުރައްކާތެރިކަން ފާހަގަކުރައްވައި ކަމާގުޅުންހުރި ބައެއް ތަފާސް ހިސާބުތަކުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުވާލެއްވި އެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ބައްޔަށް ޕޮޒިޓިވްވި މީހުންގެ، 62 ޕަސެންޓަށް ވުރެ މަތީ އަދަދެއްގެ މީހުންނަކީ، އުމުރުން 15 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނެވެ. ރާއްޖޭގެ އާބާދީގެ 40 ޕަސެންޓަށް ވުރެ މަތީ ނިސްބަތެއްގެ މީހުން ދުންފަތުގެ އިސްތިއުމާލުކުރާއިރު، އޭގެ ތެރެއިން ވެސް ވަރަށް މަތީ ޕަސެންޓެއް ފެތެނީ އެ އުމުރުފުރާ އަށެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް ވެސް އެތައް ފައިދާތަކެއް ކުރާނެ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ރައްޔިތުންނަށް ހޯދައިދިނުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ހުރިހާ ފަރާތްތަކުގެ ބައިވެރިވުމަށް އެދިވަޑައިގަންނަވާފަ އެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މި ހިތޯބުގައި އެ މަނިކުފާނު ވަނީ ދުންފަތުގެ ނުރައްކާތެރިކަމާ މެދު ރައްޔިތުން ހޭލުންތެރިކޮށް، އެ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް، އެކި ގޮތްގޮތުން މަސައްކަތް ކުރައްވާ ބޭފުޅުންނާއި އެންމެހާ ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުވާފަ އެވެ.