މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަންނަ މަހު ރޭގަނޑު ކަނޑުމަތީގައި ބަޑިޖެހުމުގެ ތަމްރީންތަކެއް ހުޅުމާލެ ބޭރުގަައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ވަނީ އެމްއެންޑީއެފުން ކުރިއަށްގެންދާ ނައިޓް ފަޔަރިން ތަމްރީނުތަކެއް މާދަމާއިން ފެށިގެން ޖޫން ތިނެއް އަދި ޖޫން މަހުގެ ފަސް ވަނަ ދުވަހު ކުރިއަށްދާނެ ކަމަށެވެ. ނައިޓް ފަޔަރިން ތަމްރީންތައް ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެގޮތުން އެ ވަގުތުތަކުގައި އެ ސަރަހައްދުގެ ކައިރިން ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްއެންޑީއެފްއިން ބުނީ މިތަމްރީނުތަކުގައި ހަތިޔާރުގެ ގޮތުގައި ބޭނުންކުރާނީ މެޝިން ގަންއެއް ކަމަށެވެ. އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5،000 މީޓަރު ކަމަށާއި، ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 100 މީޓަރު ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. އޭގެއިތުރުން ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިިރިމިނަކީ ސީ ލެވެލް ކަމަށާއި ވައިގެ ސަރަހައްދު ބޭނުންކުރާނެ މިސްރަބަކީ ހުޅުމާލެ ހަތް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފްއިން ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ސިފައިންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ތަފާތު އެކި ތަމްރީން ޕްރޮގްރާމުތައް ކުރިއަށް ގެންގޮސްފަ އެވެ.