ފުވައްމުލަކު ސިޓީގެ މޭޔަރުގެ ބާރު ކެނޑޭގޮތަށް ކައުންސިލުގެ ހިންގާ ގަވައިދަށް ބަދަލެއް ގެނެސްފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުގެ ހިންގާ ގަވައިދަށް ބަދަލުގެނެސްފައިވަނީ އެ ކައުންސިލުގެ ދެ ވަނަ އާންމު ބައްދަލުވުމުގަ އެވެ. މިބަދަލާ ގުޅިގެން މޭޔަރަކަށް ކައުންސިލުން ނިންމާ ކަންކަމުގައި ބައިވެރިއެއް ނުވެވޭނެ އެވެ. މި އިސްލާހު ކައުންސިލަށް ހުށަހަޅާފައިވަނީ ޑެޕިއުޓީ މޭޔަރު، އެމްޑީޕީ މެމްބަރު މުހައްމަދު ފިކުރީ އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މަސައްކަތް ކުރައްވަނީ މޭޔަރު އިސްމާއީލް ރަފީގުގެ ބާރު ކައުންސިލުން ކަނޑުވާލުމަށެވެ. އަދި އެއީ ރަމްޒީ މަގާމެއްގެ ގޮތުގައި ހެދުމަށް އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެ އެވެ.

މީގެ އިތުރުން ފުވައްމުލަކު ސިޓީ ކަައުންސިލުން ވަނީ ކައުންސިލަރުންގެ ހާޒިރީ ބެލެހެއްޓުން މެނުއަލްކޮށް، އިދާރާއިން ކަނޑައަޅާ އުސޫލެއްގެ މަތިން ކަމަށް ވަނީ ނިންމާފަ އެވެ. ކުރިން ކަައުންސިލަރުންނާއި މޭޔަރުގެ ހާޒިރީ ބަލަހައްޓަމުން ދިޔައީ ކައުންސިލުގެ އިދާރާގެ މުވައްޒަފުންވެސް ހާޒިރީ ބަލަހައްޓާ ސިސްޓަމުގަ އެވެ. ނަމަވެސް އެމްޑީޕީގެ އަގުލަަބިއްޔަތު އޮންނަ ކައުންސިލުން ވަނީ މިނިންމުން ބަދަލުކޮށްފަ އެވެ. މިކަމާ ދެކޮޅަށް ވޯޓް ދެއްވީ ޕީޕީއެމްގެ ދެ ކައުންސިލަރުންނެވެ.