ކޮވިޑަށް ޖެހިގެން ރޭ މަރުވި 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދު ހޮސްޕިޓަލަށް ގެނައުމަށް އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ލަސްވި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

އެމައްސަލާގައި ގިނަ ބަޔަކުގެ ފާޑުކިޔުންތައް ހެލްތް މިނިސްޓްރީއަށާއި އެޗްޕީއޭއަށް އަމާޒުވުމުން އެ މިނިސްޓްރީން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ އެމްބިއުލާންސެއް ފޮނުވުމުގައި 31 މޭ ގައި ލަސްވި މައްސަލައާ ގުޅިގެން ކަން ހިނގައިދިޔަ ގޮތް ބެލުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އަދި މި މައްސަލައަށް ބަލައި ގެންނަންޖެހޭ މުހިއްމު ބަދަލުތައް އެމްބިއުލާންސް ފޮނުވުމުގެ ނިޒާމަށް މިހާރު ގެނެސްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެމްބިއުލާންސް ދިއުން ލަސްވުމުން އާއްމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ކުއްޖާގެ ހާލު ބޮޑުވުމުން އާއިލާއިން އެމްބިއުލަންސަށް އަދި އައިޖީއެމްއެޗަށާއި އެޗްޕީއޭއަށް އެތައް ފަހަރެއްގެ މަތިން ގުޅައިގެން އެމްބިއުލާންސްއަށް އާދެވުނީ 2 ގަޑިއިރާއި 25 މިނިޓު ފަހުންނެވެ.

އާއިލާއިން ކުއްޖާގެ ހާލު ދެރަވެގެން އެމްބިއުލާންސަށް ގުޅީ ރޭގަނޑު 9.00 ގައި ކަމަށްވެސް އެ އާއިލާއާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

މިމައްސަލާގައި ޒިންމާ ނަގަންޖެހޭނީ ކާކުތޯ އާއިލާ ފަރާތުން ސޯޝަލް މީޑިއާގައި ވަނީ ސުވާލުކޮށްފަ އެވެ.

މިކަމާ ގުޅިގެން ހެލްތް މިނިސްޓަރު އަހްމަދު ނަސީމު ވަނީ މިއްސަލަ ބައްލަވާނެ ކަމަށާއި މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.

މިކަހަލަ މައްސަލަތަކުގައި ސަރުކާރުން ހިޔަވަޅު އަޅުންވާނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް އެވެސް ފިޔަވަޅެއް ސަރުކާރުން އަޅާފައިނުވާކަން ފާހަގަ ކޮށްލެވެ އެވެ.