ރާއްޖެއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ އުމުރުން 84 އަހަރުގެ އަންހެނެއް ކަމަށެވެ. އެއީ ކޮވިޑް ބަލީގައި މަރުވި 171 ވަނަ މީހާ އެވެ.

މިއީ މިއަދު ކޮވިޑްގައި މަރުވި ދެ ވަނަ މީހާ އެވެ. މިއަދު ފުރަތަމަ ކޮވިޑްގައި މަރުވީ 10 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ މަރުވީ ރޭ 12:10 ގައެވެ.

މިއީ މި މަސް ތެރޭގައި ރާއްޖެއިން އެ ބަލީގައި ނިޔާވި 10 ވަނަ މީހާ އެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މިދިޔަ މަހަކީ އެންމެ ގިނައިން މީހުން މަރުވި މަހެވެ. އެގޮތުން އެ މަހު ރާއްޖެއިން 88 މީހަކު އެ ބަލީގައި މަރުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 އިންތިހާ އަށް ފެތުރި، ނުރައްކާ ބޮޑުވެފައިވާ އިރު، ކޮވިޑްގެ ވޭދަނަތައް މަދު ކުރުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.