ހދ. ނޮޅިވަރަންފަރު، މޯނިންގްސަން، މިސްބާހު މުހައްމަދު ވިސާގެ މުއްދަތު ހަމަވެގެން ޕާކިސްތާނުގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިި އެވެ.

މިދިޔަ މިސްބާހު މާލެ އައި ފަހުން ހަބަރެއް ނުވެ ގިނަ ދުވަސްވުމުން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައި ފޮޓޯ އިއުލާންކުރި އެވެ. އަދި މިސްބާހު ހޯދުމުގެ ތަހުގީގު ތެރެއިން ފުލުހުންނަށް އެނގުނީ އޭނާ ދުބާއީއަށް ގޮސްފައިވާ ކަމަށެވެ. އެއަށްފަހު ދުބާއީގެ މަގުން ވަނީ ޕާކިސްތާނަށް ގޮސްފަ އެވެ.

ޕާކިސްތާންގައި ހުންނަ ދިވެހި އެމްބަސީއަށް މިސްބާހް ދިޔަކަން ހާމަވެފައި މިވަނީ ބޭރުގެ ޑްރަގް ނެޓްވޯކެއްގެ އަތްދަށުގައި ރަހުނު ކުރެވޭ މުދަލެއް ގޮތަށް މިސްބާހް ބަހައްޓާފައި ހުރި ކަމަށް ދިވެހި ފުލުހުން އިއްޔެ ހާމަކޮށްފައި ވަނިކޮށެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ދިވެހި އެމްބަސީއަށް މިސްބާހް ދިޔައީ މިދިޔަ މާޗް މަހުގެ ތެރޭގައި ކަމަށެވެ.

މިއުވާން ވިދާޅުވީ ވިސާގެ މުއްދަތު ހަމަވާތީ އެފަދަ މައުލޫމާތު ހޯދަން ބައެއް ދިވެހިން އެމްބަސީތަކަށްދާ ކަމަށެވެ. އެ އުސޫލުން މިސްބާހް ވެސް އެމްބަސީއަށް ދިޔަ ކަމަށް ބަލައި ވިސާގެ މުއްދަތު ހަމަވުމުން އަމަލުކުރާނެ ގޮތް އެމްބަސީގެ މުވައްޒަފުން އޭނާއަށް ކިޔައިދިން ކަމަށެވެ. އެކަމަކު އޭގެ ފަހުން އޭނާ އެމްބަސީއަށް ނުދާ ކަމަށް މިއުވާން ވިދާޅުވި އެވެ.

ގެއްލިގެން ހޯދަމުން ދިޔަ މިސްބާހާ ގުޅޭ މައުލޫމާތު އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އުމުރުން 25 އަހަރުގެ މިސްބާހު ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ހުށަހެޅުމުން އޭނާ ހޯދަން ފުލުހުން އިއުލާންކުރީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު އެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ނޮވެމްބަރު 11، 2020 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީގެ EZ1570 ނަންބަރު ފްލައިޓުން ދުބާއީއަށް މިސްބާހް ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ. އޭނާ ދުބާއީއަށް ގޮސްފައި ވަނީ ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާ އެކު އެވެ. އިރުފާން ތަގިއްޔު ވަނީ ޑިސެމްބަރު 8، 2020 ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.

އިރުފާން ތަގިއްޔު އާއި މިސްބާހް ދުބާއީއަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔައީ އިރުފާން ތަގިއްޔު ދުއްވާ ކާރުގަ އެވެ.

މިސްބާހު ޕާކިސްތާނަށް ދިޔަކަމަށް ވަނީ ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓަރާ"އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވެ އެވެ.

ފުލުހުން ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިރުފާން ތަގިއްޔު ވަނީ ނޮވެމްބަރު 22، 2020 ވަނަ ދުވަހު އެމިރޭޓްސްގެ EK656 ނަންބަރު ފްލައިޓުން އެނބުރި ރާއްޖެ އައިސްފައި ކަމަށެވެ. ނަމަވެސް، އިރުފާން ތަގިއްޔުއާއެކު މިސްބާހް ރާއްޖެ އައިސްފައި ނުވާ ކަމަށެވެ. އަދި މިސްބާހް ނޮވެމްބަރު 23، 2020 ވަނަ ދުވަހު ފްލައި ދުބާއީގެ FZ0343 ނަންބަރު ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން މިސްބާހު ޕާކިސްތާނަށް ދިޔައޯ ރާއްޖެ އެތެރެކުރި މަސްރުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން ގެރެންޓާއެއްގެ ގޮތުގައި ކަމަށް ފުލުހުން ވަނީ އެ ބަޔާނުގައި ބުނެފަ އެވެ. އިރުފާން ތަގިއްޔުގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި މިއަހަރުގެ ފެބްރުއަރީ ތިންވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާ، ފެބްރުއަރީ 14 ގައި ވަނީ ދައުވާ އުފުލާފަ އެވެ. މި މައްސަލާގައި އިރުފާން ތަގިއްޔުއާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ.