އައްޑު އަތޮޅުގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން އެ ގައުމުގެ ސަރުކާރުން ނިންމުމާއެކު ދިވެހިންގެ މެދުގައި މިކަމާ މެދު ޚިޔާލު ތަފާތުވުންތަކެއް އުފެދި ހޫނު ބަހުސްތައް ކުރެވެން މި ވަނީ ފަށައިފަ އެވެ. އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވަން ތާއީދުކުރާ ފަރާތްތަކުން ދެކޭގޮތުގައި އެކަމަކީ ރާއްޖެއަށް، ޚާއްސަކޮށް އައްޑު އަތޮޅަށް ތަރައްގީގެ ބޮޑެތި ނަފާތަކެއް ވާނެ ކަމެކެވެ. އަނެއްބަޔަކު ދެކޭގޮތުގައި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އުފެއްދުމުގެ ބޭނުމެއް ނެތެވެ. އަދި އެފަދަ ކޮންސިއުލޭޓެއް އުފެއްދިއަސް އެކަމުން ދިވެހިންނަށް ވާނެ ފައިދާއެއް ވެސް ނޯންނާނެ އެވެ.
ބަހުސުކުރެވެމުންދާ މިމައްސަލައާ މެދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ އައްޑޫގެ ތައުލީމީ ބޭފުޅެއް ކަމަށްވާ ޕްރޮފެސަރު ހަސަން އުގައިލަށް ދަންނަވާލުމުން "ކޮންސިއުލޭޓެއް އެޅުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން" ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅިގެން އުފެދޭ ސުވާލުތައް ހިއްސާ ކުރައްވަމުން އޭގެ ތަފުސީލަށް ވެސް އޭނާ ވަޑާއިގެންނެވި އެވެ.
ކޮންސިއުލޭޓެއް ހެދުމުގެ ބޭނުމަކީ ކޮބާ؟
ރާއްޖޭގެ އާބާދީގެ ވަރަށް ގިނަ ބައެކޭ އެއްގޮތަށް އުގައިލުގެ ވެސް ފުރަތަމަ ސުވާލަކަށްވީ "އިންޑިއާގެ ކޮންސިއުލޭޓެއް ރާއްޖޭގައި އުފައްދަނީ ކީއްކުރަން ހެއްޔެވެ؟ ކޮބާތޯ އިންޑިއާގެ ބޭނުމަކީ؟" އުގައިލު ސުވާލު ކުރެއްވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ބިނާކުރަން ޖެހޭނެ ކޮންމެ ވެސް ސަބަބެއް އޮންނަން ޖެހޭނެ އެވެ.
އައްޑޫގައި އިންޑިއާ ސަރުކާރުން ބަލަހައްޓަން ޖެހޭ ވަރަށް އެހާ ގިނަ އަދަކަށް އެ ގައުމުގެ ރައްޔިތުން އެބަތިބި ހެއްޔެވެ؟ ނުވަތަ މުސްތަގުބަލުގައި އެވަރަށް އިންޑިއާ މީހުން އައްޑޫގައި ތިބެން ހަމަޖެހިފައި އޮތީ ހެއްޔެވެ؟ އިންޑިއާގެ އެފަދަ ބޮޑު އާބާދީއެއް އައްޑޫގައި ނެތްއިރު އައްޑޫގައި އިންޑިއާގެ ހައިކޮމިޝަނެއް ހަދަން ޖެހެނީ ކީއްވެބާވަ އެވެ. މިއީ ޖަވާބު ލިބެން ޖެހޭ ސުވާލުތަކެކެވެ. ގައުމެއްގައި ކޮންސިއުލޭޓެއް އުފެއްދުމަށް ސަބަބުތަކެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވަމުން އުގައިލު މިސާލު ޖެއްސެވީ އިންޑިއާގެ ޓްރިވެންޑްރަމުގައި ހުންނަ ދިވެހި ކޮންސިއުލޭޓަށެވެ.
އުގައިލް ވިދާޅުވި ގޮތުގައި ޓްރިވެންޑްރަމުގައި ގާތްގަނޑަކަށް 12،000 ދިވެހިން އުޅެ އެވެ. އެ މީހުން މަހެއްގެ މައްޗަށް ޓްރިވެންޑްރަމަށް 40،000 ޑޮލަރު އެތެރެ ކުރެ އެވެ. އެހެންކަމުން ރާއްޖޭގެ ކޮންސިއުލޭޓޭއް ޓްރިވެންޑްރަމުގައި ހުންނަން ޖެހޭ ސަބަބު ސާފުކޮށް އެއޮތީ ފެންނާށެވެ. މި ނަޒަރުން ވިސްނާ އިރު އިންޑިޔާގެ ކޮންސިއުލޭޓަކަށް ވުރެ އައްޑޫއަށް ބޭނުން ބޮޑީ ބަންގަލްދޭޝްގެ ކޮންސިއުލޭޓެއް ކަމަށް ވެސް އުގައިލް ވިދާޅުވި އެވެ. ސަބަބަކީ އައްޑުގައި ގިނަ އަދަދެއްގެ ބަނގްލަދޭޝް މީހުން އުޅޭތީ އެވެ.
ތަރައްގީގެ ގޮތުން ލިބޭނީ ކޮންފައިދާއެއް؟
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓެވި ކެބިނެޓް މީޓިންގަކުން، އައްޑު އަތޮޅުގައި ކޮންސިއުލޭޓެއް އުފައްދަން ނިންމި ކަން ދިވެހިންނަށް އެނގުނީ އިންޑިޔާގެ ނޫސްތަކުންނެވެ. އެ ޚަބަރު ފެތުރުމާއެކު އެކަމުން އައްޑޫއަށް ވާނެ ފައިދާތަކާ ލިބިގެންދާނެ ތަރައްގީގެ ވާހަކަ އެންމެ ގަދަޔަށް ދައްކަން ފެށީ ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ތަމްސީލު ކުރައްވާ މެންބަރުންނާއި އައްޑޫގެ މޭޔަރެވެ.
އެ ބޭފުޅުން ނަޒަރުގައި އިންޑިއާގެ ކޮންސިއުލޭޓް އައްޑޫގައި ހުޅުވަން ލަސް ވެސް ވެއްޖެ އެވެ. ސަބަބަކީ ކޮންސިއުލޭޓުގެ ސަބަބުން އައްޑޫގެ ތަރައްގީގެ ދުވެލި ބާރުވެގެން ދާނެތީ އެވެ. ނަމަވެސް އައްޑޫއަށް އުފަން ޕްރޮފެސަރު އުގައިލް އެފަދަ ފަރާތްތަކާ ވެސް ކުރިމަތި ކުރައްވަނީ ސުވާލެކެވެ.
އުގައިލް ވިދާޅުވީ އިގުތިސާދު ކުރިއަރާނެއޭ ބުނާއިރު އިގުތިސާދީ ގޮތުން ލިބޭނެ މަންފާއަކީ ކޮބައި ހެއްޔެވެ؟ ކޮންސިއުލޭޓުގެ ސަބަބުން އިންވެސްޓްމަންޓްތަކެއް އައިސް އިތުރު ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެ ހެއްޔެވެ؟ އެކަމަށް އޮތް އަންދާސީ ހިސާބުތަކަކީ ކޮބައި ހެއްޔެވެ؟ އަދަދުތަކަކުން ކަންކަން ހާމަކޮށް ދެވެން ނެއްކަމަށް ވަންޏާ، އުގައިލްގެ ނަޒަރުގައި ތަރައްގީ ވާނެއޭ އަދި ބުންޏަސް އެ ދައްކާ ވާކަހައަކަށް އެއްވެސް ހުއްޖަތެއް ނެތެވެ.
އުގައިލް އިތުރަށް ވިދާޅުވި ގޮތުގައި އައްޑޫ ތަރައްގީއަށް އިންޑިއާއިން އެވަރަށް ބޭނުންވާ ކަމަށް ވަންޏާ ވަރަށް ފަސޭހައިން އެކަން ކުރެވެން އެބަ އޮތެވެ. ގަމާއި އިންޑިއާ އާއި ދެމެދު ވައިގެ މަގުން ގުޅާލައި އިންޑިއާގެ ޓޫރިސްޓުން އައްޑުއަށް ގެނެސް ފުރާލުމަކީ ކުރެވިދާނެ ކަމެކެވެ. އެއިރުން ކޮންސިއުލޭޓެއް ގާއިމުކުރުމަށް ސަބަބެއް ވެސް އޮންނާނެ އެވެ. ނަމަވެސް މިފަދަ އެއްވެސް ސަބަބެއް ނެތި ކޮންސިއުލޭޓެއް ގާއިމުކުރަން އުޅުމުން އުފެދޭ ސުވާލުތައް ގިނަ އެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވަންޖެހޭ އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި އެފަދަ އިދާރާއެއް ގާއިމުކުރަން ކުރާ މަސައްކަތުގެ ފަހަތުގައި ފޮރުވިފައިވާ ކޮންމެ ވެސް އެހެން ސަބަބެއް އޮންނާނެ ކަމަށް ވެސް ޕްރެފަސަރު އުގައިލް ދެކެ ވަޑައިގަންނަވަ އެވެ. އެފަދަ ސަބަބަކީ ކޮބައިކަން ސީދާ ވިދާޅުވާން ބޭނުންފުޅު ނުވިކަމަށް ވިޔަސް ކަންބޮޑުވެ ވަޑައިގަންނަވާ ކަންތައްތަކެއް ހިއްސާ ކުރެއްވި އެވެ.
އެގޮތުން އުގައިލްގެ ވިދާޅުވި ގޮތުގައި ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ކަންތަކުގައި ވަކި ގައުމެއް މާކައިރި ކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ސަބަބެއްކަމަށް އުގައިލް ވިދާޅުވީ ބާރުގަދަ ބޮޑެތި ގައުމުތަކެއްގެ މެދުގައި އޮތް ކުޑަކުޑަ ގައުމަކަށް ރާއްޖެވުމެވެ. އެހެންކަމުން ރާއްޖެއިން ގެންގުޅެން ޖެހޭނެ ކަމަށް އުގައިލް ދެކެވަޑައި ގަންނަވަނީ ވަރަށް ހަރުދަނާ ވަކިފަރާތަކަށް ބުރަ ނުވާ ސިޔާސަތެކެވެ.
ގައުމީ ސަލާމަތާ ބެހޭ ގޮތުން ދޭދޭ ގައުމުތަކާ އޮންނަންވާ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އުގައިލް ވިދާޅުވި ގޮތުގައި އޭނާގެ ނަޒަރުގައި ރާއްޖޭގެ ސެކިރިޓީއާ ބެހޭ މުހިންމު އިމާރާތްތައް އިމާރާތްކުރަން ޖެހޭނީ ދިވެހިން އަމިއްލައަށެވެ. މިފަދަ އިމާރާތްތަކުގެ މިސާލެއްގެ ގޮތުން އުގައިލު ދެއްކެވީ ޕާކިސްތާނުން ބިނާކުރި ރައްޔިތުންގެ މަޖިލިސްކުރާ ގެއާއި ޗައިނާއިން ބިނާކުރި ފޮރިން މިނިސްޓްރީގެ އިމާރާތާއި އިންޑިއާއިން ބިނާކުރަމުން ގެންދާ ޕޮލިސް އެކެޑަމީ އެވެ. ބޭރު ބަޔަކު އިމާރާތް ކުރާ އެފަދަ އިމާރާތްތަކުގެ ސެކިއުރިޓީގެ ސަތޭކަ ޕަސެންޓް ޔަގީންކަން ދިވެހި ސަރުކާރަކަށް ނޯންނާނެ އެވެ.
ތަރައްގީގެ ފުރުސަތުތަކެއް ހުޅުވި ދެ ގައުމަށް އެތަކެއް ފައިދާ ވެގެންދާނެ ކަމަށް ބުނެ ގާއިމު ކުރަން އުޅޭ އިންޑިއާގެ ކޮންސިއުލޭޓުން ދިވެހިންނަށާއި ދިވެހި ރާއްޖެއަށް ލިބޭނެ މަންފާއެއް ފެންނަން ނެތް ތަނުގައި އެފަދަ މުއައްސަސާއެއް އުފައްދަން ޖެހޭ ސަބަބެއް ވެސް ފެންނަން ނެތުމުގެ ސަބަބުން އިންޑިއާއިން ކުރަން އުޅެނީ ކޮންކަމެއްތޯ މިވަނީ ސުވާލު އުފެދިފަ އެވެ. ޖަވާބެއް ނެތް އެ ސުވާލުގެ ފަހަތުން ރާއްޖޭގެ ގައުމީ ސަލާމަތަށް ބިރު ހީވާފަދަ ދަރަޖައަކަށް އިންޑިއާގެ "ރަހުމަތްތެރި" ކަމުގެ ގުޅުމުގައި ރާއްޖެ ބަނދެވިގެން ދަނީތޯ ވެސް ސުވާލު އުފެދެ އެވެ.
އިންޑިޔާގެ ކެބިނެޓުން މިކަން ކުރަން ނިންމީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށްވެސް އަންގާނުލާ ދިވެހިންނޭ ހޭއަރާ އަޑި ނޭނގޭ އެތައް ކަމެއް މިކަމުގެ އަޑީގައި ވާނެ ދިވެހިންގެ ބޯ ކާލަނީ.
ދިވެހިން ހޭލާށެވެ ވިސްނާށެވެ ވެރިން ބުއްދިއަށްވުރެ ދަހިވެތިކަން އިސްނުކުރާށެވެ