ރައްޔިތުންގެ މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން ކަމަށާއި ވަކިވަކި ސިފައިން ގެންގޮސް ސުވާލެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) ހިންގާ ޕާލަމެންޓްރީ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުކުރުމަށް ގައުމީ ދިފާއީ ބާރުން ދެކޮޅު ހެދުމާ ގުޅިގެން އެކި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން އެމްއެންޑީއެފްއިން މަޖިލީހުން ކުރާ ތަހުގީގަށް ހުރަސް އަޅަނީ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

މިކަމާ ގުޅިގެން އަލީ ހުސައިން ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ އެމްއެންޑީއެފްގެ ފަރާތުން މަޖިލީހުގެ 241 ކޮމިޓީއަށް ޖަވާބުދާރީވާނެ މިނިސްޓަރެއް ހުންނާނެ ކަމަށެވެ. އަދި 241 ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުވުމަށް އެންގުމުން އެކަމަށް އިޖާބަ ނުދިނޭ ކިޔާފައި ޖިނާއީ ދައުވާއެއް ވެސް ނުކުރެވޭނެ ކަމަށް އަލީ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ، ސިފައިންގެ އަސްކަރީ ހައިރާކީއާއި ސިފައިންގެ “ޗެއިން އޮފް ކޮމާންޑް”އާއި “ކޮމާންޑް އެންޑް ކޮންޓްރޯލް” އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ގާއިމްކުރެވިފައި އޮތް އުސޫލްތަކާއި ޚިލާފުކަމެއް ކަމަށެވެ.

މިކަމުގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެ ބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އަދި ގައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންވެ ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި، ސިފައިން އެ މީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ މުއައްސަސާގެ ފަރާތުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފްއިން މިހެން ބުނެފައިވަނިކޮށް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ހައެއް މޭ ގައި ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން، އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހަދަމުންދާ އިންކުއަރީއަށް މައުލޫމާތު ސާފުކުރުމުގެ ގޮތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ހާޒިރުވާން އަންގަފަ އެވެ.

އެމްޑީޕީގެ ސުޕަ މެޖެރިޓީ ލިބިފައިވާ ރައްޔިތުންގެ މަޖިލީހުން މިހާރު އަދާކުރަމުންދަނީ ތަހުގީގު އިދާރާތަކުން އަދާކުރަމުން އަންނަ މަސައްކަތްތައް ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި މަސައްކަތްތައް ކުރުމުގެ ބަދަލުގައި ވަކި ކަމެއް ހާސިލުކުރުމަށް މަސައްކަތްކުރާ ތަނެއް ގޮތުގައި ގިނަ ބަޔަކު މަޖިލިސް ސިފަކުރެ އެވެ.