ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ނަޝީދު އަވަހަރާކޮށްލަން ޓެރަރިސްޓު ހަމަލާއެއްދީފައި ވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ހުރި ސައިކަލެއްގައި ހަރުކޮށްގެން ބޮމެއް ގޮއްވާލައިގެންނެވެ. އެ ހަމަލާގެ ނަޝީދަށް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

މިއަދު މަޖިލީހުގެ ކޮމިޓީއަށް ޝިފާ އާއި އަސްލަމް ހާޒިރުކުރި އިރު، ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމަކީ ހަނިގޯޅިއަކަށް ވެފައި އެ މަގުގެ އެއްފަރާތުގައި ސައިކަލު ޕާކުކޮށްފައި ހުންނާތީ ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދޭން އުނދަގޫ ކަމަށް ޑިފެންސް މިނިސްޓްރީން އެންގުމުން އެ ގޯޅިގައި ސައިކަލް ޕާކުކުރުން މަނާ ނުކުރި ސަބަބު ސާފު ކުރުމަށެވެ.

އެކަމާ ގުޅިގެން މީގެ ކުރިން ޝިފާ ވިދާޅުވެފައި ވަނީ ޑިފެންސްގެ އެދުމާ އެގޮތަށް ނީލޯފަރު ހިނގުމުގެ ޕާކިން ޒޯނު ނެގުމުގެ މަސައްކަތް ފަށައި އެ ސަރަހައްދުން ޕާކިން ޒޯނު ހެދުމަށް އެންމެ އެކަށީގެންވަނީ ބިއްލޫރިޖެހިގެ ކަމަށް ފެނި، އެ އިމާރާތުގައި ޕާކިން ޒޯނު ހެދުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް 23 މާޗު 2021 ގައި ސިޓީ އަކުން ޕްލޭނިން މިނިސްޓްރީގައި އެދުނު ކަމަށެވެ.

ޝީފާ ވިދާޅުވެފައި ވަނީ، ނިލޯފަރު ހިނގުން ވެހިކަލް ޕާކު ނުކުރެވޭ މަގަކަށް ހެދުމުގެ މަސައްކަތް ނުކުރެވުނީ ޕާކިން ޖާގަ ހެދުމަށް ބިއްލޫރިޖެހިގެ ނުވަތަ އެ ސަރަހައްދުން ވެށި ފަހި މާލެ ޕްރޮގްރާމުގެ ދަށުން ސަރުކާރަށް ލިބުނު ބްލޮކް 139 ޕްލޭނިން، މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައި ނުވާތީ އާއި އެކަމުގައި އެ މިނިސްޓްރީ އިން އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ދީފައި ނުވާތީ ކަމަށެވެ.

ޕާލިމެންޓް އިންކުއައިރީއަށް އިއްޔެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހާޒިރުކޮށްފައިވާއިރު މިއަދު ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވެސް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ޕާލިމެންޓު އިންކުއައިރީގެ ބޭނުމަކީ ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެކަމާ ގުޚޭ އެއްވެސް މައުލޫމާތެެއް ލިބިނުތޯ ބެލުމެވެ. އަދި ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަކީ ކޮބާތޯ ދެނެގަތުމުގެ އިތުރުން ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރަމުންދިޔަ ގޮތް ދެނަގަތުމެވެ.

ފައިނޭންސް އިންޓެލިޖެންސް މައުލުމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލުކުރާ ގޮތް ދެނަގަތުން ވެސް ޕާލިމެންޓް އިންކުއައިރީން ދަނީ ތަހުގީގު ކުރަމުންނެވެ.