އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ކޮވިޑް-19 އަށް ހާއްސަކޮށް އުފައްދާފައިވާ ކޮވިޝިލްގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ ހަމަސް ތެރޭގައި ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެ ވެކްސިންގެ ދެވަނަ ޑޯޒް ހަމަސްތެރޭ ދިނުމާ ގުޅޭ ގޮތުން އެ ނިންމުން ރާއްޖެއިން ނިންމިއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފާ ވެސް ލިބިފައިވާ ކަމަށެވެ.

"ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދެއްވާފައިވާ ގޮތަށް ރާއްޖޭގައި ކޮވިޝީލްޑް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒު ހަމަސް ދުވަހުގެ ތެރޭގައި ޖެހޭނެ ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ވަނީ ލަފާ ދެއްވާފައި،" އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިގޮތަށް އެޗްޕީއޭ އިން އިއުލާންކޮށްފައިވާއިރު، ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ނުޖެހި އެތައް ހާސް ބަޔަކު ރާއްޖޭގައި އެބަތިއްބެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވަނީ ފުރަތަމަ ޑޯޒް ޖަހާތާ 2 މަސް ފަހު 2 ވަނަ ޑޯޒް ޖަހަން ޖެހޭ ކަމަށެވެ.