ލައިސަންސް ކާޑާއި ރަޖިސްޓްރީތައް އަމިއްލައަށް ގޮސް ނެގޭނެ ސެލްފް ކަލެކްޝަން ސްޓޭޝަންގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ތައާރަފުކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ލައިސަންސް ކާޑާއި ރަޖިސްޓަރީތައް ދެން ދޫކުރާނީ އެ އޮފީހުގެ ދެ ވަނަ ފަންގިފިލާގައި ބަހައްޓާފައިވާ ސެލްފް ކަލެކްޝަން ސްޓޭޝަނުން ކަމަށެވެ.
މީގެ ކުރިން ކިއު ނަންބަރު ދޫކޮށްގެން އެ އޮތޯރިޓީގެ ކައުންޓަރުން އެކަން ކުރަމުން ދިޔަ ނަމަވެސް މި ޚިދުމަތާއިއެކު ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އޮތޯރިޓީން ބުންޏެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ކަސްޓަމަރުން އެދިފައިވާ ހިދުމަތް ނިމުމުން އެ ކަސްޓަމަރެއްގެ ފޯނަށް ޕިން ކޯޑެއް މެސެޖަކުން ފޮނުވާލެވޭނެ ކަމަށެވެ. އަދި ކަސްޓަމަރު އައިސް ޕިން ކޯޑު ޖެހުމުން އެ ލޮކަރެއް ހުޅުވި އެފަރާތަކަށް ލައިސެންސް ކާޑެއް ނުވަތަ ރަޖިސްޓްރީއެއް ލިބޭނެ ކަމަށް އޮތޯރިޓީއިން ބުންޏެވެ.
ރަސްމީކޮން އެ ހިދުމަތް އިއްޔެ ފެށި ނަމަވެސް, ކޮވިޑް -19 އާ ގުޅިގެން ލައިންސަންސް އާ ކުރުމާއި ލައިންސަންސް ކާޑު ހެދުން ވަނީ މެދުކަނޑާލާފަ އެވެ. މިދިޔަ އަހަރުން ފެށިގެން ލައިސަންސް ހެއްދުމާއި ކާޑު އާކުރުން އެދެން ޖެހެނީ އޮންލައިންކޮށެވެ.
ހިދުމަތްތައް ހޯދަން މިނިސްޓްރީ ދޮށުގައި ކިޔޫގައި އެތައް ގަޑިއިރެއް ވަންދެން ތިބެން ޖެހުން ވެފައި ވަނީ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށެވެ.