ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރުމަށް އިތުރު ބިން ހަމަޖައްސައި ދިނުމަށް ސަރުކާރުން އެދިފައިވީ ނަމަވެސް އެ ކަމަށް އަދި ވަކިގޮތެއް ނުނިންމާ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފި އެވެ.

އެރަށު ކައުންސިލުން ބުނީ އެއާޕޯޓް ތަރައްގީ ކުރަން އިތުރަށް އެ ރަށުން ބޭނުންވާ 853،937 އަކަފޫޓުގެ ބިމެއް ހަމަޖައްސައި ދިނުމަށް ގޮތެއް ނިންމުމަށް ބައްދަލުވުމެއް ބޭއްވި ނަމަވެސް އެކަމަށް އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރު ބިން ނަގަން ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކޮށްދޭން އެދި ހަނިމާދޫގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

އެއާޕޯޓަށް ނަގާފައިވާ ބިމުގައި، ރައީސުލްޖުމްހޫރިއްޔާގެ ވައުދާ އެއްގޮތަށް އެއާޕޯޓް ތަރައްގީ ކުރުން ވެގެންދާނީ ރަށަށް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި، އެހެންކަމުން، ޕްލޭނިން މިނިސްޓްރީގައި ހަނިމާދޫ އެއާޕޯޓަށް ނަގަން އެދިފައިވާ ބިން ބާތިލްކޮށް، އެއާޕޯޓަށް ކަނޑައަޅާފައިވާ ބިމުގައި އެއާޕޯޓް ތަރައްގީ ކުރުމަށް ވަނީ އެދިފަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައި ވަނީ ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ބީލަން މަރުހަލާ އިންޑިޔާގެ އެކްސްޕޯޓު އިމްޕޯޓު ބޭންކުން ފަށައިފި ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ވަނީ ބުނެފަ އެވެ.

ހަނިމާދޫގެ އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ އުތުރުގައި އިޤުތިޞާދީ ހަބެއް ޤާއިމުކުރެއްވުމަށް ރައީސް ސޯލިހު ގެންގުޅުއްވާ ވިސްނުންފުޅުގެ ތެރެއިން އެމަނިކުފާނު އެންމެ ބޮޑަށް އިސްކަންދެއްވައިގެން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.