ދިލްވާލޭ ދުލަނިޔާ ލޭޖާއިންގޭގައި ރާޖްގެ ރޯލް އަދާކުރަން ހަތަރު ފަހަރު ޝާހްރުކް ޚާން އިންކާރު ކުރިކަން އިނގޭތަ؟
1995 ވަނަ އަހަރު މަޝްހޫރުވެގެން ދިޔަ "ދިލްވާލޭ ދުލަނިޔާ ލޭޖާއިންގޭ" އަކީ އަދިތިޔާ ޗޯޕްރާ ޑައިރެކްޓްކޮށް ނެރުނު ފުރަތަމަ ފިލްމެވެ. 1995ގެ އެންމެ ކާމިޔާބު އެއް ފިލްމުގެ ގޮތުގައި މި ފިލްމް ވަނީ ހިމެނިގެން ގޮސްފައިވެ އެވެ. ފިލްމް ރިލީޒް ވިތާ 25 އަހަރު ފަހުން މިއަދު ވެސް މި ޝޯއަށް އާންމުން ދެމުންދާ ތަރުހީބަށް ކުޑަ ވެސް ފަނޑުކަމެއް ނާދެ އެވެ.
މި ފިލްމްގައި ރާޖްގެ ރޯލުން ފެނިގެންދާ ބޮލީވުޑް ސުޕާ ސްޓާރު ޝާހްރުކް ޚާން މި ރޯލް އަދާކުރުމަށް ހަތަރު ފަހަރެއްގެ މަތިން އިންކާރު ކުރިކަން އޭނާ ވަނީ ހާމަކޮށްފަ އެވެ.
ޝާހްރުކް ޚާން މި ރޯލް އަދާކުރުމަށް އިންކާރުކޮށްފައި ވަނީ ރޮމޭންޓިކް ރޯލް އެއް އަދާކުރުމަށް އޭނާ މާ އުމުރުން ދޮށި ކަމަށް ބުނަމުންނެވެ. ޝާހްރުކް ޚާން ފިލްމީ ދާއިރާއާ ގުޅުނުއިރު އޭނާގެ އުމުރަކީ 26 އަހަރެވެ. ހަމަ އެއާއެކު ޝާހްރުކް ޚާން ބުނެފައިވާ ގޮތުގައި މި ރޯލް ކުޅެން އޭނާ އިންކާރުކުރި އަނެއް ސަބަބަކީ އެ ދުވަސްވަރު އޭނާ ދިޔައީ އޭނާ ނެގެޓިވް ރޯލްތައް އަދާކޮށްފައިވާ ފިލްމުތައް ކަމަށްވާ "ޑަރް" އަދި "ބާޒީގަރް" އަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބުގެ ސަބަބުން ބޮލީވުޑްގައި ރަސްކަންކުރަމުން ކަމަށްވާތީ އެވެ.
ޝާހްރުކް ޚާން ބުނިގޮތުގައި ނެގެޓިވް ރޯލްތައް ކުޅެގެން އޭނާއަށް ގިނަ ކާމިޔާބުތަކެއް ލިބުނެވެ. އެހެންވެ އެ ދުވަސްވަރު އޭނާ ކުޅެން ބޭނުންވީ ހުސް ނެގެޓިވް ރޯލްތަކެވެ.
ރާޖްގެ ރޯލް ކުޅުމަށް ޝާހްރުކް ޚާން އިންކާރު ކުރުމުން ސައިފް ޢަލީ ޚާންއަށް އެ ރޯލް ދޭން ފިލްމުގެ ޑައިރެކްޓަރު އަދިތިޔާ ޗޯޕްރާ އޭރު ނިންމި އެވެ. ނަމަވެސް އަދިތިޔާ ޗޯޕްރާގެ ބައްޕަ ޔަޝް ޗޯޕްރާ ބޭނުންވީ ހަމަ ޝާހްރުކް ޚާން އެ ރޯލް ކުޅުމަށެވެ. އެހެންވެ ޔަޝް ޗޯޕްރާ ވަނީ ޝާހްރުކް ޚާންއާ ބައްދަލުކޮށް ވާހަކަ ދައްކާފަ އެވެ.
ފިލްމީ ދާއިރާގައި ދެމިހުންނަން ބޭނުން ކަމަށްވާ ނަމަ ލޯބީގެ ފިލްމުތައް ކުޅުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ޔަޝް ޗޯޕްރާ ވަނީ ޝާހްރުކް ޚާނަށް ނަސޭހަތްތެެރިވެފަ އެވެ. މި ނަސޭހަތުގެ ބޭނުންހިފައި ޝާހްރުކް ވަނީ މިި ފިލްމްގައި ރާޖްގެ ރޯލް ކުޅެފަ އެވެ.
މި އާއެކު ޝާހްރުކް ޚާންގެ ފިލްމީ ކެރިއަރުގެ ކާމިޔާބީގެ މުހިންމު ހިއްސާއެއްގެ ގޮތުގައި މި ފިލްމް ވަނީ ވެގެންގޮސްފަ އެވެ.