ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިންސީ ކުށުގެ ޖިނާއީ ދައުވާތަކުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޮފިޝަލަކު ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާ މިއަދަށް ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފައިވާ ކަމަށެވެ. ސަބަބަކަށް ކޯޓުން ބުނެފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދަން އަލީ ވަހީދުގެ ފަރާތުން ކޯޓަށް ސިޓީއެއް ލިބިފައި ވާތީ އާއި އޭނާގެ ފަރާތުން މެޑިކަލް ޑޮކިއުމެންޓްތަކެއް ހުށަހަޅާފައި ވާތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އަލީ ވަހީދަށް ބޭސްފަރުވާއަށް ބޭރަށް ފުރުމުގެ ހުއްދަ ދިނީ ކްރިމިނަލް ކޯޓުންނެވެ. ރާއްޖެއިން ބޭރުގައި ހުންނެވުމަށް ދިން ހަތަރު މަހުގެ މުއްދަތު އިއްޔެ ހަމަވެފައިވާއިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެ އެވެ.
ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވޭ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ހުއްދަ ދިނުމުން ގިނަ ބަޔަކު ވަނީ އެއީ މިސަރުކާރުން ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
މުއްދަތު ހަމަވިއިރު ވެސް ރާއްޖެ ވަޑައިނުގަތް އަލީ ވަނީ އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފަ އެވެ.
އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފަ އެވެ.
އާޒިމާ ޝުކޫރުގެ އެތިވެސް ކެންސަލް ކުރީނޫން މާބޮޑު ކަމަކީތަ؟