ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދ އިންކުއައިރީއަށް ހުރަސް އަޅުއްވާފައިނުވާ ކަމަށާއި، އޭނާއަކީ އަބަދުވެސް ހައްގު ބަސް ބުނާނެ މީހެއް ކަމަށް އަލިފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދ ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމާ އެ މައްސަލަ ކޮމިޓީން ބޭރުކޮށްލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ވަރަށް ބޮޑަށް ބިގޭއަށް ފާޑު ވިދާޅުވެފަ އެވެ.

ޒަމީލްގެ މައްސަލަ އިމްތިޔާޒު ކޮމިޓީން ބަލަން ނުފެންނަ ކަމަށް ނިންމީ އެމްޑީޕީގެ ހަތަރު މެންބަރުންގެ ވެސް ވޯޓާ އެކު އެވެ. އެގޮތުން މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންނަކީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްއާއި، ކޮމަންޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އެވެ.

އީވާ ތުހުމަތު ކުރައްވާ ގޮތުގައި ކޮމިޓީން އެ މައްސަލަ ބޭރުކޮށްލުމަށް އެމްޑީޕީގެ މެންބަރުންތަކެއް ވޯޓު ދެއްވީ ބިގޭ އެ މެންބަރުންނަށް ފޯނު ކުރައްވާ އެކަން ކުރަން އެންގެވުމުންނެވެ. ބިގޭ އެގޮތަށް އަމަލުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިގެން ކަމަށްވެސް އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތުކުރައްވަ އެވެ. ރައީސް ސޯލިހާއި ބިގޭ ޅިޔަނުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް އީވާ ފޮނުއްވި މެސެޖުގައި ބިގޭ ޓެގް ކުރައްވާ ވިދާޅުވެފައިވަނީ، ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަޝީދު އެދިވަޑައިގެން ކޮމިޓީއަށް ކަމެއް ހުށަހަޅާ ކޮންމެ ފަހަރަކު އެކަމެއް ގޯސް ކުރަން ބިގޭ އުޅުއްވަނީ ކީއްވެގެންތޯ ވެސް އީވާ ސުވާލު ކުރެއްވި އެވެ. އަދި ނަޝީދުގެ ހާލަތާ މެދު ހަމްދަރުދީ އޮތް މުއްދަތު ހަމަވީތޯ ވެސް އީވާ ސުވާލު ކުރެއްވި އެވެ. އޭގެ ފަހުގައި އީވާ ވިދާޅުވެފައި ވަނީ "މާތްކަލާކޯ މީވާ ސަރުކާރެއް،" ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ބިގޭ ވިދާޅުވީ އަބުރު ކަތިލުމުގެ ގޮތުން ސޯޝަލް މީޑިއާގައި އޭނާއާ ގުޅޭ ގޮތުން ހަގީގަތާ ހިލާފް ވާހަކަތައް ދައްކަމުން ދާތީ އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ހައްގު ބަސް ބުނުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.

"އަޅުގަނޑު ތުތިމަހަށް ކޮށާ ކާޅަށް ކާން ދިނަސް ހައްގު ބަސް ބުނުމުގައި ފަހަތަކަށް ނުޖެހޭނަން،" ކުރީގެ ރައީސް ޑރ. ވަހީދުގެ ވެސް ޅިޔަނެއް ކަމަށްވާ މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވި އެވެ.

ބިގޭ ވިދާޅުވީ އޭނާއަކީ ފަހަތަށް ނުޖެހޭނެ މީހެއް ކަން މާޒީން އެނގޭނެ ކަމަށެވެ. އެހެންކަމުން އުމުރުގެ ބާކީ ބައި ވެސް ހޭދަކުރާނީ ސާބިތުކަމާއެކު ކަމަށާއި އަދި އޭނާ އަކީ ވެސް އިސްލާހީ މަސައްކަތުގައި ފާއިތުވި 30 އަހަރު އެތައް އަނިޔާއެއް ލިބުނު މީހެއް ކަމަށެވެ.