ސޯޝަލް މީޑިއާގައި ޒާތީ މައުލޫމާތު ވިއްކާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
މިމައްސަލަ ފުލުހުން ބަލަން ފެށިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓެއްގައި އެވެ.
މަބްރޫކް ވިދާޅުވީ ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މައުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ބައެއްގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބަލަމުން އަންނަނީ އަންހެން ކުދިންގެ ފޮޓޯއާއި ފޯނު ނަންބަރާއި ސްނެޕްޗެޓް އައިޑީ ފަދަ މައުލޫމާތުތައް ވިއްކަމުންދާ ޓެލެގްރާމް ގްރޫޕެއްގެ މައްސަލަ އެވެ. އަދި މީގެ އިތުރުން އޮރިޔާ ކާޑު އާއްމުކުރާ ޓެލެގްރާމް ގްރޫޕެއްގެ މައްސަލަ ވެސް ފުލުހުން ބަލަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.
އޮރިޔާ ކާޑާއި ހަށިވިއްކުމަށް ހިތްވަރުދޭ ޓެލްގްރާމް ޕޭޖްގެ މައުލޫމާތު ބައެއް އާންމުން ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ޓެލެގްރާމް ގްރޫޕްތައް ހަދައިގެން އަންހެނުންގެ ފޮޓޯއާއި ފޯނު ނަންބަރު އަދި ސްނެޕްޗެޓް އައިޑީ ފަދަ ޒާތީ މައުލޫމާތު އާއްމު ކުރަމުންދާ މައްސަލަ ދުވަސް ދުވަސްކޮޅުން ފެންމަތިވެ އެވެ. އެފަދަ ގްރޫޕްތަކުން ވެސް އެކި ގޮތްގޮތުން ފައިސާ ހޯދަމުން ގެންދެ އެވެ.
މިފަދަ ގްރޫޕްތަކުގެ މައްސަލަ މީޑިއާތަކުން ވެސް ރިޕޯޓް ކޮށްފައި ވެއެވެ. އަދި އެފަދަ ގްރޫޕެއްގެ އެޑްމިން ވެސް ހިމެނޭ ގޮތައް ހުރިހާ މެންބަރުންގެ މައުލޫމާތުތަކެއް ލީކް ވެސް ވެފައިވެ އެވެ. ނަމަވެސް އެމައްސަލަ ފުލުހުން ބެލި ކަމެއް އެނގިފައެއް ނުވެ އެވެ.
ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ވެސް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ރާއްޖޭގައި އޮރިޔާން ކާޑު ނެގުމާއި ގެންގުޅުމަކީ މަނާ ކަމެކެވެ.
ތި ބަލާ އެއްވެސް ކަމެއްގަ ނަތީޖާއެއް ފެނޭތަ؟ ނުފެންނަ ސަބަބުތަކުގެތެރޭގައި މައްސަލަ ބަލާ މީހުން އެކަމެއްގައި މެހިފައިވަނީ ނުވަތަ މައްސަލަ ބަލާ މީހުންނަށް ރިޝްވަތު ލިބެނީ. ނުވަތަ ބަލަން ނޭނގެނީ. މިއިން ކޮންމެވެސް އެއް ގޮތެއް ވަނީ.