ކްލޯއީ ކާޑޭޝިއަންއަކީ ގިނަ ބައެއްގެ މަގްބޫލްކަން ލިބިފައިވާ މީހެކެވެ. އޭނާ ބަރުދަން ލުއިކުރުމަށް ކުރި ދަތުރަކީ އެންމެންގެ ވެސް ސަމާލުކަން ލިބިގެން ދިޔަ ކާމިޔާބު ދަތުރެކެވެ.

ބަރުދަން ލުއިކޮށް "ޕާފެކްޓް ބޮޑީ" އެއް ހޯދުމަށް ކުރި ދަތުރުގެ ވާހަކަ ކްލޯއީ ވަނީ އެކި ފަހަރުމަތިން އާއްމުންނާ ހިއްސާ ކޮށްފަ އެވެ. އެތައް ބައެއްގެ ފާޑުކިޔުމާއި ފުރައްސާރައާއެކު ވެސް އޭނާ ވަނީ ދަރިފުޅު ޓްރޫ ވިހެއުމަށްފަހު ވަރަށް ބޮޑަށް ބަރުދަން ލުއިކޮށްފަ އެވެ.

ދާދި ފަހުން ކްލޯއީ ވަނީ އޭނާގެ ވޯކް އައުޓް ސެޝަންތަކުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އުމުރުން 36 އަހަރުގެ ކްލޯއީ ބުނާގޮތުން ނަމަ ލުނބޯ ފެނަކީ ބަރުދަން ލުއިކުރުމަށް އެފަދަ އެއް ނެތް އެއްޗެއް ކަމަށެވެ.

ބަރުދަން ލުއިކުރުމަށް ލުނބޯ ފެން ބުއިމަކީ ގިނަ ބަޔަކު މިހާރު ކުރާ ކަމެކެވެ. އެއީ ފިޓްނަސް އިންސްޓްރަކްޓަރުން ލަފާ ވެސްދޭ ކަމެކެވެ. ހެނދުނު ހުސްބަނޑާ ހުރެ ލުނބޯ ފެން ތަށްޓެއް ބުއިމަކީ ބަރުދަން ލުއިކުރުމަށް އެހީވެދޭ ކަމެއް ކަމަށް ގިނަ ދިރާސާތަކުން ދައްކަ އެވެ.

މި މައުޟޫއަށް ހެދިފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ލުނބޯގައި ހުންނަ ޕޮލިފެނޯލް އެންޓިއޮކްސިޑަންޓްސްގެ ސަބަބުން ބަރުދަން ލުއިކޮށްދެ އެވެ. އަދި ހެނދުނު ލުނބޯ ފެން ބުއިމުން ލޭގެ ހަކުރު ކޮންޓްރޯލް ކޮށްދީ އންސިއުލިންގެ ބާރުގަދަ ކޮށްދޭ ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.

ކްލޯއީ ވޯކް އައުޓް ސެޝަން އެއްގައި

ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމަށް ކިރުގެ ބާވަތްތަކާއި މޭވާ، ޖޫސް އަދި ފިޒީ ޑްރިންކްސް ބުއިން ހުއްޓާލައިފައިވާ ކަމަށް ކްލޯއީ ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.

ޑައިޓުކުރުމާއެކު ކަސްރަތު ކުރުމަކީ ވެސް ކްލޯއީ ކުރާ ކަމެކެވެ. ހަފްތާއަކު ފަސް ދުވަހު ވޯކް އައުޓް ސެޝަން ހަދާއިރު އެކި ދުވަހު ހަށިގަނޑުގެ އެކި ތަންތަނަށް ބޭނުންވާ ކަސްރަތު ކުރަން އޭނާ ސަމާލުކަންދެ އެވެ.