ލަންޑަން (11 ޖޫން) - ހުކުރު ދުވަހު ފެށި ޖީ ސެވަންގެ ސަމިޓްގައި ފަގީރު ގައުމުތަކަށް އެއް ބިލިއަކން ޑޯޒް ހަދިޔާކުރުމަށް މެމްބަރު ގައުމުތަކުން އެއްބަސްވާނެ ކަމަށް އުއްމީދުކުރާ ކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

ފަގީރު ގައުމުތަކަށް 500 މިލިއަން ޑޯޒް އެމެރިކާއިން ހަދިޔާ ކުރާނެ ކަމަށް ރައީސް ޖޯ ބައިޑަން އިއުލާން ކުރެއްވިތާ މާގިނައިރު ނުވަނީސް އިގިރޭސިވިލާތުގެ ބޮޑު ވަޒީރު ވަނީ އެ ގައުމުން ވެސް ފަގީރު ގައުމުތަކަށް 100 މިލިއަނަށްވުރެ ގިނަ ވެކްސިން ޑޯޒް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޖޯންސަން ވަނީ މީގެ ކުރިން ވެސް 2022 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށް އަޒުމް ކަނޑައެޅުމަށް ޖީ ސެވަންގެ ލީޑަރުންނަށް ގޮވާލާފަ އެވެ.

ވެކްސިން ޕްރޮގްރާމްތައް ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކުން ބުނާގޮތުގައި ހަތަރު ބިލިއަނަށް ވުރެ ގިނަ މީހުން ވެކްސިން ހޯދަން ބަރޯސާ ވާނީ ޑަބްލިއުއެޗްއޯ އިން ހިންގާ ކޮވެކްސް ޕްރޮގްރާމަށް ކަމަށެވެ.

މިހާރު ކުރިއަށްދާ ޖީ ސެވަން ސަމިޓުގައި މި ނިންމުން ނުނިންމައިފި ނަމަ އެ ސަމިޓަކީ ނާކާމިޔާބު ސަމިޓެއް ކަމަށް ވެކްސިންގެ ހަމަހަމަ ކަމަށް ގޮވާލާ އޮކްސްފޭމް އިން ބުނެފައިވެ އެވެ. އޮކްސްފޭމް އިން އިތުރަށް ބުނީ ކޮވިޑް -19 ނައްތާލުމަށް ދުނިޔެއަށް 11 ބިލިއަން ވެކްސިން ޑޯޒް ބޭނުންވާނެ ކަމަށެވެ.

ޖީސެވަންގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިގިރޭސިވިލާތް، ފްރާންސް، ޖާމަނީ، އިޓަލީ، ޖަޕާން އަދި އެމެރިކާ އެވެ. މެމްބަރު ގައުމުތަކުގެ އިތުރުން މިފަހަރުގެ ސަމިޓްގައި ޔޫރަޕިއަން ޔޫނިއަން އާއި އޮސްޓްރޭލިއާ، ސައުތު އެފްރިކާ، ދެކުނު ކޮރެއާ އަދި އިންޑިއާ ބައިވެރިވާނެ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް