ލަވަކިއުންތެރިޔާ އަބީޖީތު ބަޓަޗާރިއަ ވަނީ ވަރަށް ފަހުން ރިއަލިޓީ ޝޯއެއް ކަމަށްވާ "އިންޑިއަން އައިޑަލް 12" އަށް މެހެމާނެއްގެ ގޮތުގައި އުދިތް ނާރާޔަން އާއެކީ ގޮސްފަ އެވެ. އަބީޖީތު ބަޓަޗާރިއައަކީ 90ގެ އަހަރުތަކުގައި މަޝްހޫރު ގިނަ ލަވަތަކެއް ކިޔާފައިވާ ލަވަކިއުންތެރިއެކެވެ.

ޝޯއަށް ފަހު އަބީޖީތު ވަނީ އެ ޝޯގެ ޖަޖުންނަކީ ލަވަކިއުމުގެ ރޮނގުގައި އެއްވެސް ކަހަލަ ތަޖުރިބާއެއް ނެތް ބައެއް ކަމަށާއި ނުފޫޒުން އެ ޝޯގެ ޖަޖުން ގޮތުގައި ތިބި ބައެއް ކަމަށް ބުނެފަ އެވެ.

ބޮލީވުޑް ސްޕައިއަށް ދިން އިންޓަވިއުއެއްގައި އަބީޖީތު ބުނީ އޭނާ ޝޯއަށް ދިޔައީ މެހެމާނެއް ގޮތުގައި ދިއުމުގެ ދައުވަތު ލިބެންޖެހޭ މީހެއް ކަމަށް ވާތީ ކަމަށާއި ލާރިއަކަށް ނޫން ކަމަށް ޝޯގެ ކްރިއޭޓިވް ޑިރެކްޓަރު ކައިރި ބުނެފައިވާނެ ކަމަށެވެ.

ސްޓޭޖަށް އެރުމުގެ ކުރިން އޭނާ މިކަމާ ހިތްހަމަނުޖެހޭކަން އަނޫ މަލިކް އާއި، މަނޯޖް މުންތަސިރު ކައިރި ބުނި ވާހަކަ ވެސް ހާމަކުރި އެވެ. އިތުރަށް އަބީޖީތީ ބުނީ ކުރީގެ މަޝްހޫރު ލަވަކިއުންތެރިން ތިއްބާ ދެތިން ލަވައެއް ކިޔާފައި ތިބި ލަަވަކިއުންތެރިން ޝޯގެ ޖަޖުންނަށް ލާ ކަމަށެވެ.

ނުވަދިހައިގެ އަހަރުތަކުގައި އިންޑަސްޓުރީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައި ތިބި މީހުންނަށް އެވޯޑެއްހާ މިންވަރު ވެސް ނުލިބޭ ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

މިވާހަކަތައް ދައްކަން ބޭނުންވެފައި ހުންނަތާ އެތައް ދުވަހެއްވެފައިވާ ކަމަށާއި މިޝޯގެ ސަބަބުން މި ވާހަކަ ބުނެވުނީތީ ވަރަށް އުފާކުރާ ކަމަށެވެ.

މީގެ ކުރިން ވެސް ގިނަ ބަޔަކު މިފަހަރުގެ އިންޑިއަން އައިޑަލް 12 ވަނަ ޝޯއަށް ވަނީ ފާޑުކިޔާފަ އެވެ. އެގޮތުން މިފަހަރުގެ ޝޯގައި ދެކުންތެރިންކަން އިތުރުވެފައިވާ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.