ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސްވި ހަތް އަހަރުގެ ކުއްޖާ ހާލު ރަނގަޅުވެފައިވާ ކަމަށާއި މިހާރު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުން ނަގައިގެން ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ފައިސަލް ވިދާޅުވީ މީގެ ދުވަސްތަކެއް ކުރިން ކޯވިޑް ޖެހިގެން ހާލުދެރަވި ހަތް އަހަރުގެ ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއަށް އެންމެ ފަހުން ކުރިމަތިވި ކޯވިޑްގެ ރާޅުގައި ކުޑަކުދިންނާއި މާބަނޑު މީހުންނަށް ވެސް ބޮޑުވަރުވެ، ސީރިއަސް ހާލަތަކަށްދިޔަކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ހާލުދެރަވެގެން ވެންޓިލޭޓަރަށް ލާން ޖެހުނު ކުޑަކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި، ބަލިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލެވޭނެ ކަމުގެ އުންމީދު އޮތްކަން ޑރ. ފައިސަލް ފާހަގަކުރެއްވި އެވެ.

"ހޮސްޕިޓަލްގެ ބާއްވައިގެން، އެޑްމިޓްކޮށްގެން ވެންޓިލޭޓަރަށް ލާން ޖެހުނު ކުއްޖަކު މިހާރު މި ވަނީ ވެންޓިލޭޓަރުން ނެގިފައި. އެހެންވީމާ އިރާދަކުރެއްވިއްޔާ އަދި ދޫވެސްކޮށްލެވޭނެ، އެހެންވީމަ އަޅުގަނޑަށް ހީވަނީ އެއީ އުފާވެރި ހަބަރެއް ކަންނޭނގެ، މި ދެން ވެންޓިލޭޓަރުން ނެގުނުކަމީ،" އޭނާ ވިދާޅުވި އެވެ.

ކޯވިޑް ޖެހިފައިވާ ހަތް އަހަރުގެ ކުއްޖެއްގެ ހާލަތު އިތުރަށް ގޯސްވެގެން ވެންޓިލޭޓަރުގައި ފަރުވާދޭން ފަށާފައި ވަނީ މޭ މަހުގެ ފަހުކޮޅުން ފެށިގެންނެވެ. އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖެއަށް ކުރިމަތިވި ކޯވިޑް ރާޅުގައި އެތަކެއް ކުޑަ ކުއްޖަކު ކޮވިޑް ބަލި ޖެހިފައިވާއިރު މިމަހު ވަނީ މިބަލީގައި އުމުރުން ދިހަ އަހަރުގެ ކުއްޖަކު މަރުވެފަ އެވެ. އަދި މިދިޔަ މަހަކީ މިބަލީގައި އެންމެ ގިނަ މީހުން މަރުވި މަހަށްވާއިރު ރާއްޖެއިން މިހާތަނަށް މިބަލީގައި 197 މީހަކު ވަނީ މަރުވެފަ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 77،077 އަށް އަރާފަ އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 11،041 މީހުންނެވެ. މިހާތަނަށް 58،832 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 111 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.