ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިމުމުން ވެސް އެއާޕޯޓް ހިންގާނީ ދިވެހި ސަރުކާރުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓާ ތަރައްގީކުރުމަށް އެރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުން ބިން އިތުރުކުރުމާ ދެކޮޅަށް އެރަށުގެ ޖަމިއްޔާތަކުން ވަނީ ރައީސް ސޯލިހަށް ޕެޓިޝަނެއް ހުށައަޅާފަ އެވެ. އަދި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުމަށްފަހު އެއާޕޯޓާ ވެގެންދާނެ ގޮތަކާ މެދުގައި އެތަކެއް ކަންބޮޑުވުމެއް އުފެދިފައިވަނިކޮށް މިނިސްޓަރު ފައްޔާޒު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކަމަށްވީ ނަމަވެސް އެއާޕޯޓުގެ އޯނާޝިޕް އަދި ހިންގާނީ ސަރުކާރުން ކަމަށެވެ.
ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައިޕީ) އިސްލާހުކޮށް އިއްޔެއިން ފެށިގެން ވަނީ އަމަލު ކުރަން ފަށާފަ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ކުންފުންޏަކާއި ހަވާލުކުރަން އުޅޭކަމުގެ އަޑުތައް އިދިކޮޅުން ގަދަކޮށްފައިވަނީ ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް ސަރުކާރުން އިސްލާހް ގެނައި ކަމަށް އާންމުކުރުމަށްފަހު އެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ފައްޔާޒު މިއަދު ވިދާޅުވީ މި ފަހުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް ގެނެވުނު ބަދަލުގައި އެއާ ޓްރެފިކް އޮޕަރޭޝަން ކުރިއަށްގެންދިއުމަށް ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް ވެސް ހުއްދަ ނުކުރާ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގެ އެއާޕޯޓެއް ނަމަވެސް އެކަމަކީ ދައުލަތުން ކުރާނެ މަސައްކަތެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައި ވަނީ ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.
ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ބީލަން މަރުހަލާ އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓު ބޭންކުން ފަށައިފި ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ވަނީ ބުނެފަ އެވެ.