ސަރުކާރުގެ ޕްލޭނަކީ ރާއްޖެ ތިން ރީޖަން އަދި ހަ ޒޯނުގެ ގޮތުގައި ތަރައްގީކުރުން ކަމަށް ޕްލޭނން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް އަމާޒުކޮށްގެން ބާއްވާ ތިން ދުވަހުގެ ޓްރެއިނިން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މިސަރުކާރުން ރާއްޖެ ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ "ސްޕޭޝަލް ޕްލޭން" އެބައޮތް ކަމަށާއި ކައުންސިލުތަކުން ތަރައްގީގެ ޕްލޭނު ހައްދަވާއިރު މިކަމަށް ބެއްލުމަށް އެދިލައްވާ ކަމަށެވެ. އެގޮތުން ސްޕޭޝަލް ޕްލޭން ހަދާފައިވަނީ ރާއްޖެ ތިން ރީޖަނަކަށް ބަހާލައި އަދި އެ ތިން ރީޖަންގައި ހަ ޒޯނެއް ބެހިގެން ދާނެ ގޮތަށް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ހަ ޒޯނުގެ ތެރޭގައި ޖުމްލަ 20 އައިލެންޑް ކްލަސްޓާ ހިމެނޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ އެ ގޮތަށް ރާއްޖެ ތަރުތީބުކުރެވިގެން، ކޮންމެ ރީޖަނެއްގައި ވެސް އެ ރީޖަނަކަށް ގެންނަންޖެހޭ އުމްރާނީ ތަރައްގީ އާއި އިންސާނީ ވަސީލަތްތައް އަދި ހިދުމަތްތައް އެ ތަނަށް ގެނައުމެވެ.

ކޮމިއުނިޓީ ޑިވެލޮޕްމަންޓް އަދި ފައިނޭންޝަލް ޕްލޭން ހަދާނެ ގޮތުގެ ތަމްރީނު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އިތުރަށް މިނިސްޓަރު އަސްލަމް ވިދާޅުވީ އާބާދީގެ 40 ޕަސެންޓަށްވުރެ ގިނަ މީހުން ވެރިރަށް މާލެގައި ދިރިއުޅެމުން އަންނަ ކަމަށެވެ.

މި ވަގުތު މާލޭގެ އާބާދީ އިތުރުވަމުންދާ ގޮތާއި ރަށްރަށުން މާލެއަށް ބަދަލުވަމުންދާ ރޭޓަށް ބަލާއިރު 2040 ވަނަ އަހަރު އަންނައިރު ވެރިރަށުގެ އާބާދީ، އަތޮޅުތަކުގެ ޖުމްލަ އާބާދީއަށްވުރެ ބޮޑުވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް ސިއްހަތާއި ތައުލީމު އަދި ވަޒީފާގެ އެކި ބޭނުންތަކަށް މާލެއަށް ހިޖުރަކުރާ މީހުންގެ އަދަދު މަދުކުރުމަކީ އެއް ދުވަހުން ވާނެ ކަމެއް ނޫން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ކަން ބަދަލުކުރުމަށް ދުރު ރާސްތާގެ ޕްލޭނެއްގެ ދަށުން މަސައްކަތްކުރަންޖެހޭ ކަމަށެވެ.

"ތަރައްގީގެ މަގުގައި އަޅުގަނޑުމެން ކުރިއަށްދާއިރު، އަޅުގަނޑު ތި ބޭފުޅުންގެ އަރިހުން އެދެނީ ޕްލޭނުތައް ހައްދަވާއިރު ހަމައެކަނި އަމިއްލަ ރަށުގެ ފަސްގަނޑަށް، އަމިއްލަ ރަށުގެ ގޮނޑުދޮށާ ހިސާބުގައި ވިސްނުން ނުބަހައްޓާށޭ. ވިސްނުން ބަހައްޓަވައްޗޭ ރަށުގެ ވަށައިގެން ކައިރީގެ ސަރަހައްދުގައިވާ ރަށްތަކާއި އެކުގައި އެއީ ތިޔަ ބޭފުޅުންގެ ނެއިބަހުޑްގެ ގޮތުގައި ވިސްނާވަޑައިގަންނަވަށޭ އަދި ބައިވަރު ނެއިބަހުޑްތަކަކާއެކީގައި އަޅުގަނޑުމެންގެ ތެރޭގައި އަތޮޅެއް އުފެދިގެން. ހުރިހާ އަތޮޅުތަކަކާއެކީގައި ރާއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މިގޮތަށް ރަށްތައް ގުޅާލާއި، ސަރުކާރުން މިހާރު ކުރިއަށްގެންދާ ނޭޝަނަލް މެރިޓައިމް ޓްރާންސްޕޯޓް ނިޒާމުގެ މަސައްކަތް ނިމުމުން ތަރައްގީއަށް ވަރަށްބޮޑު ކުރިއެރުމެއް އަންނާނެކަމަށެވެ.

ކައުންސިލްތަކުން އެކުލަވާލަންޖެހޭ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލުމަށް ކައުންސިލްތަކަށް އެހީތެރިވުމުގެ ގޮތުން ހިންގާ ތަމްރީނު ޕްރޮގްރާމު ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެލްޖީއޭއިން ކުރިއަށް ގެންދަނީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށެވެ. މިގޮތުން މިއަހަރުގެ ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) މޯލްޑިވްސް ގުޅިގެނެވެ.